"ޕީކޫ" ޑައިރެކްޓަރުގެ އާ ފިލްމުގައި ވަރުން އާއި ދީޕިކާ
"ޕީކޫ" ޑައިރެކްޓަރުގެ އާ ފިލްމުގައި ވަރުން އާއި ދީޕިކާ

ވަރުން ދަވަން އާއި ޑައިރެކްޓަރު ޝޫޖިތު ސަރްކާރް ޓީމެއްގެ ގޮތުގައި "އޮކްޓޯބަރު" ކިޔާ ފިލްމެއް އުފައްދަން ނިންމައިފި އެވެ. މިއީ ވަރަށް އާދަޔާޚިލާފު ލޯބީގެ ވާހަކައަކަށް އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ބައިވެރިކުރާ ތަރިންނާ ބެހޭ ގޮތުން ތަފާތު އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް ޝޫޖިތާ އެކު ވަރުން ސްކްރިޕްޓެއް ކިޔަން އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު ފިލްމުގެ ބަތަލަކީ ވަރުން ކަން ވަނީ ޔަގީން ވެފަ އެވެ.

ފިލްމުގެ ބަތަލާއަކަށް ވުމުގެ ދައުވަތު ދީޕިކާ ޕަދުކޯނަށް ވަނީ ފޮނުވާފަ އެވެ. ދީޕިކާ މިހާރު ކުޅޭ ފިލްމުތަކުގެ ތެރޭގައި ރޮމޭންޓިކް ފިލެމެއް ނެތުމުން އޭނާ މި ފިލްމު ގަބޫލުކުރާނެ ކަމަށް ޑައިރެކްޓަރު ޝޫޖިތު އުންމީދު ކުރެ އެވެ. ދީޕިކާ ވެސް ޝޫޖިތާ އެކު މަސައްކަތްކުރަން ބޭނުންވެ އެވެ. ސަބަބަކީ "ޕީކޫ" ކަހަލަ މޮޅު ފިލްމެއް އޭނާ ލައިގެން ކުޅުވާފައިވަނީ ޝޫޖިތު ކަމަށް ވާތީ އެވެ.

ވަރުން އާއި ދީޕިކާގެ ޖޯޑަކީ ވެސް މިހާތަނަށް ސްކްރީނުން ފެނިފައިވާ ޖޯޑެއް ނޫނެވެ.

ޝޫޖިތަކީ އަބަދުވެސް ވަރަށް ނުގުޅޭ ޖޯޑުތައް ބައިވެރިކޮށްގެން މޮޅު ފިލްމުތައް އުފައްދާ ޑައިރެކްޓަރެކެވެ. "ޕީކޫ"ގައި ވެސް އޭނާ ދީޕިކާއާ އެކު ބަތަލުގެ ރޯލަށް ނެގީ އިރްފާން ޚާނެވެ.

"އޮކްޓޯބާ"އާ ބެހޭ ގޮތުން ޝޫޖިތު ބުނީ އެއީ ލޯބީގެ ވާހަކައެއް ނޫން ނަމަވެސް އެއީ ލޯތްބާ މެދު އޭނާ ދެކޭ ގޮތް ކަމަށެވެ. މި ފިލްމުގެ ޚިޔާލު އޭނާއަށް އައީ ނޫހަކުން ފެނުނު ޚަބަރަކުން ކަމަށް ވެސް ބުންޏެވެ.

ވަރުން ބުނި ގޮތުގައި 2012 ގައި "ސްޓޫޑަންޓް އޮފް ދަ އިޔާ"އިން އޭނާ ތައާރަފްވީ ފަހުން އޭނާ މަސައްކަތް ކުރަން ބޭނުންވާ ޑައިރެކްޓަރުންގެ ލިސްޓުގައި ޝޫޖިތު ހިމެނެ އެވެ. އެހެންވެ މި ފުރުސަތު ލިބުމުން އޭނާ ވަރަށް އުފަލުން ހުރި ކަމަށް ވަރުން ބުންޏެވެ.