28 ޖުލައި 2017 - 00:29

އާންމުންނަށް "އަނިޔާވެރި ފުލުހުންނާ" މެދު ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމަށް ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް، އަދި އާންމުންނަށް ފުލުހުން އަނިޔާކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވެފައި ވަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ފުލުހުން ރައްޔިތުންނަށް އަނިޔާކުރުން ހުއްޓާނުލާ ހިނދު، އެ ފުލުހުންނަށް އަމާޒުކޮށް ބަސް ބުނުން ހުއްޓާ ނުލެވޭނެ" ކަމަށެވެ.
"އަނިޔާވެރި ފުލުހުންނާ މެދު ފިޔަވަޅު އަޅާނަން،" ފުލުހުންގެ ފޮޓޯ އާއި ޒާތީ މައުލޫމާތު އާންމުކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އަންގައި ފުލުހުންގެ އިދާރާ އިން މިރޭ އާންމުކުރި ނޫސްބަޔާނާ އެކު ނަޝީދު ކުރެއްވި ޓްވީޓްގައިވެ އެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ސޯޝަލް މީޑިއާ އާއި އެހެނިހެން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ވަކިވަކި ފުލުހުންނާއި އެމީހުންގެ އާއިލާގެ މީހުންގެ ފޮޓޯ އާއި ޒާތީ މައުލޫމާތު އާންމު ކުރަމުންދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބުނީ ފުލުހުންގެ ނަމުގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި ފުލުހުންގެ މުއައްސަސާގެ ގަދަރާއި އިހުތިރާމު ގެއްލުވާލުމަށާއި އެކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މީހުން ކުރާ މަސައްކަތް ހުއްޓާލުމަށް އަންގާ ކަމަށެވެ.
"އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އިއްޔެ ރޭ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުން ކަވަރު ކުރުމަށް އުޅުނު ބައެއް ނޫސްވެރިންނަށް ވަރަށް ބޮޑަށް އަނިޔާކުރި ކަމަށް އެ ނޫސްވެރިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، އެކަމަކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މީޑިއާގެ ފިއްތުންތަކުގެ ތެރެއިން އެ މީހުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.