މިރޭ ޒަހަމްކޮށްލި ޒުވާނާ ދިރި އޮންނާނެ ކަމުގެ ޔަގީންކަމެއް ނެތް
މިރޭ ޒަހަމްކޮށްލި ޒުވާނާ ދިރި އޮންނާނެ ކަމުގެ ޔަގީންކަމެއް ނެތް

މާލޭގައި މިރޭ ވަޅިން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ދިރި އޮންނާނެ ކަމުގެ ޔަގީންކަން ގެއްލިއްޖެ އެވެ.

ހއ. ތަކަންދޫ އިބްރާހީމީހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ވަޅިން ހަމަލަދިނުމާ ގުޅިގެން އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، މިހާރު ނޭވާލަނީ މެޝިނުގެ އެހީގައި ކަމަށް ނަދީމްގެ ގާތް މީހަކު ބުންޏެވެ.

"މެޝިނުގެ ހޮޅި ނައްޓާލާއިރަށް އޭނާގެ ވިންދު ހުއްޓޭނެ. މިހާރު އެ އޮތީ ބްރެއިންޑެޑް ވެފައި. މެޝިނުގެ އެހީގައި ނޭވާލުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއް ނެތް،" ނަދީމްގެ ގާތް މީހާ ބުންޏެވެ.

ނަދީމަށް ހަމަލަދިނީ މިރޭ 6:30 ވާން އުޅެނިކޮށް ހެންވޭރު ޓާމިނަލް ކެފޭގައި ހުއްޓަ އެވެ.

މި މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދިއެއް ނޭނގެ އެވެ.

މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ދެ މާރާމާރީއެއް ހިނގާފައި ވެ އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އެވެ. އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.