27 ޖުލައި 2017 - 23:02

ސޯޝަލް މީޑިއާ އާއި އެހެނިހެން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ވަކިވަކި ފުލުހުންނާއި އެމީހުންގެ އާއިލާގެ މީހުންގެ ފޮޓޯ އާއި ޒާތީ މައުލޫމާތު އާންމު ކުރަމުންދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާ އިން މިރޭ ބުނެފި އެވެ.
"މިހާރަކަށް އައިސް ވަކިވަކި ފުލުހުންގެ ފޮޓޯ އާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންގެ ފޮޓޯ އާއި ވަކިވަކި ފުލުހުންގެ ޒާތީ ބައެއް މައުލޫމާތުތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހާމަކޮށް، ވަކިވަކި ފުލުހުންނަށް އިންޒާރުދީ، ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދައި، ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ކުރަމުންދާ މަސައްކަތްތައް އެގޮތަށް ނުކުރުމަށް އަންގަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އަދި ބުނީ ފުލުހުންގެ ނަމުގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި ފުލުހުންގެ މުއައްސަސާގެ ގަދަރާއި އިހުތިރާމު ގެއްލުވާލުމަށާއި އެކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް މީހުން ކުރާ މަސައްކަތް ހުއްޓާލުމަށް އަންގާ ކަމަށެވެ.
"އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި އެ ފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތްތައް އިތުރުކޮށްފައިވާއިރު، އެކަންކަމަށް ފުލުހުން ހުރަސް އަޅައި އާދަޔާ ޚިލާފަަށް ބާރުގެ ބޭނުން ފުލުހުން ކުރާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެހެންވެ ފާޑުކިޔުންތައް ފުލުހުންނަށް އަމާޒުވެފައިވާއިރު، އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް އަދި އެއްވުންތައް ރޫޅާލަން އާންމުންގެ ލޮލަށް ޕެޕާސްޕްރޭ ޖަހާ ފުލުހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިދުވަސްކޮޅު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.