މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި

މާލޭގެ އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހު ހިންގި މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރީ އުމުރުން 17-21 އަހަރާ ދެމެދުގެ ހަ ފިރިހެނެކެވެ. އެއީ އެ މާރާމާރީގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށާއި އެކަށީގެންވާ ހެއްކާއި ގަރީނާ ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 18 އަހަރުގެ ޒުވާނެއްގެ ހަށިގަނޑުގެ އަށް ތަނަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ނާސިރައްދޫގޭ މުނާޒު މުހައްމަދު، 21 އާއި ހއ. މޮޅަދޫ ބަހާރުގޭ ސިރުފާން އިބްރާހިމް، 20 އާއި ވ. ބުލޫނިޔާއާގޭ މޫސާ އިބްރާހިމް، 21 އާއި ސ. ހިތަދޫ ލުހާއު އިބްރާހިމް އަރީހް އަހުމަދު، 20 އާއި ނ. މިލަދޫ ކާނޭޝަންމާގޭ އަބޫބަކުރު ފާރިއު، 20 އަދި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި ހަ މީހުން ހިންގި މާރާމާރީގައި އަނިޔާވި ޒުވާނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އެލްސިއޯން ކައިރީގައި ހަމަލާދިންއިރު، ހަމަ އެރޭ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ވެސް މީހަކަށް ހަމަލާދީފައި ވެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ މެންދުރު ވެސް މާލޭގައި ދެ މާރާމާރީ ހިންގި އެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.