ޝާފީ، ޓޫކިލޯ އަދި މަކޯ ގްރީންސްޓްރީޓްސް އަށް
ޝާފީ، ޓޫކިލޯ އަދި މަކޯ ގްރީންސްޓްރީޓްސް އަށް

ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ކްލަބް ގްރީންސްޓްރީޓްސް އިން ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) އާއި ގައުމީ ޓީމުގެ ކުރީގެ ވިންގާ މުޚުތާރު ނަސީރު (ޓޫކިލޯ) އަދި ނިއު ރޭޑިއަންޓަށް ކުރިން ކުޅުނު ސްލޮވާކިއާގެ މިޑްފީލްޑަރު ވިލިއަމް މަކޯ ގެނެސްފި އެވެ.

ޝާފީ، ޓޫކިލޯ އަދި މަކޯ ގްރީންސްޓްރީޓްސް އަށް
ޝާފީ، ޓޫކިލޯ އަދި މަކޯ ގްރީންސްޓްރީޓްސް އަށް

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބި ކަޓާފައިވާ ވެލެންސިއާގެ އިތުބާރު ޑިފެންޑަރު ޝާފީ އަށް އެ ކްލަބުން ރިލީޒް ދީފައިވާއިރު އޭނާ މިއަދު ގްރީންސްޓްރީޓްސްގެ ޕްރެކްޓިހުގައި ބައިވެރިވާނެ އެވެ. ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު ވިކްޓަރީ އާއި ނިއު އަށް ވެސް ކުޅެފައިވާ ޝާފީ އަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ސެންޓްރަލް ޑިފެންޑަރެވެ.

ވެލެންސިއާ ވާދަކުރަން ޖެހޭ މާލޭ ލީގު ކޮލިފައިން ކެންސަލްވެ އެ ޓީމަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން އޮޓޮމެޓިކުން ޖާގަ ލިބިފައިވާއިރު ދެން ވާދަކުރަން އޮތީ އެފްއޭ ކަޕް އެކަންޏެވެ. އެ ޓީމުން މިދިޔަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރިއިރު ޝާފީއާ އެކު މުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު މުހައްމަދު ފައިސަލާއި ހަސަން އަދުހަމް (ސަޑޭ) ވަނީ ނިއު އަށް ބަދަލުވެފަ އެވެ.

ގްރީންސްޓްރީޓްސް އަށް ގެނައި ބިދޭސީ ކުޅުންތެރިއާ މަކޯ އަކީ އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމްގެ އިރުޝާދުގެ ދަށުން 2015 ވަނަ އަހަރު ނިއު އަށް ކުޅުނު މިޑްފީލްޑަރެކެވެ. ހަންގޭރީ އާއި ސްލޮވާކިއާގެ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ އުމުރުން 35 އަހަރުގެ މަކޯ ވަނީ އެ ފަހަރު ނިއުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ އަކީ ގޯލާ ވެސް ރަށްޓެހި ކުޅުންތެރިއެކެވެ.

ގްރީންސްޓްރީޓްސް އަށް ދެން ގެނައި ޓޫކިލޯ ފުރަތަމަ ޑިވިޝަން ފުޓްބޯޅައާ ދުރުވެ މިދިޔަ ދެ އަހަރު ފެނުނީ މިނިވަން ޗެމްޕިއަންޝިޕުންނެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ސޮބާއާ އެކު ގައުމީ ޓީމުގައި ހިމެނި އަދި ފައިނަލުގައި އިންޑިއާ ކޮޅަށް ގޯލް ޖެހި ޓޫކިލޯ އަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ވިންގެވެ. ޒޯން މުބާރާތުގައި އއ. ރަސްދޫ ޓީމުން ފާހަގަކުރެވުނު ޓޫކިލޯ ވަނީ ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ، ވިކްޓަރީ އާއި އައިއެފްސީ އާއި ނިއު އަދި މާޒިޔާ އަށް ވެސް ކުޅެފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި ގްރީންސްޓްރީޓްސް އިން ވަނީ ވިކްޓަރީގައި މި އަހަރު އުއްމީދީ ގުޅުމެއް ދެއްކި ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އާއި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަޝްފާން (އަޝްކޮ) ވެސް ގެނެސްފަ އެވެ. މީގެ ތެރެއިން އަޝްފާން ވަނީ މާލޭ ލީގުގެ ފަހު މެޗުގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެފަ އެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއް ކަމަށްވާ ދ. ކުޑަހުވަދޫ އާއި ތިނަދޫގެ އިތުރުން ށ. މިލަންދޫ އާއި އއ. މާޅޮހެވެ. ހުރިހާ ޓީމަކުން ވެސް ވަނީ އާ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ.