30 ޖުލައި 2017 - 06:27

ފިލްމީ ތަރިންގެ ދަރިންނަށް ޕަޕަރާޒީންގެ ފަރާތުން ކުރިމަތިވާ އުނދަގޫ ހުއްޓާލަން ޖެހޭ ކަމަށާއި އެކަމުގައި ހައްދެއް އޮންނަން ޖެހޭނެ ކަމަށް މަޝްހޫރު ފިލްމީ ބަތަލާ ކާޖޮލް ބުނެފި އެވެ.
ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމީ ތަރިންގެ ދަރިންނަށް ލިބޭ ބޮޑު ސަމާލުކަމުގެ ސަބަބުން އެކުދިންނަށް ވެސް ވަނީ އުނދަގޫ ވެފަ އެވެ.
މިކަމެއް މިހާ ބޮޑުވެފައިވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކަމަށް ބެލެވެ އެވެ. ސޯޝަލް މީޑިއާގައި މީހުން ފޮލޯ ކުރަނީ ހަމައެކަނި ފިލްމީ ތަރިންނެއް ނޫނެވެ. އެމީހުންގެ ދަރިން ފޮލޯކުރުމާއި އެކުދިންގެ ފޭން ކްލަބްތައް ހަދައިގެން ހިންގުމަކީ ވެސް މިހާރު ވަރަށް އާއްމު ކަމެކެވެ.
ޝާހްރުކް ޚާންގެ ދަރިފުޅު އަރްޔާން ޚާން، އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ، ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން، ޝާހްރުކްގެ ދަރިފުޅު ސުހާނާ، ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އަދި ކާޖޮލްގެ ދަރިފުޅު ނީސާ އަށް ވެސް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ. މިއިން ކޮންމެ ކުއްޖެއްގެ ވާހަކަ އަބަދުވެސް ޚަބަރުތަކުން މިހާރަކަށް އައިސް ފެނެ އެވެ. އަދި އެކުދިންގެ ފޮޓޯތައް ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަށް ޝާއިއު ކުރެ އެވެ.
މީގެ އިތުރުން މި ކުދިންގެ ފޮޓޯ ނެގުމަށް ނޫސްވެރިން ކުރާ މަސައްކަތުން ކުދިންނަށް ވަރަށް އުނދަގޫވާ ފަހަރުވެސް އާދެ އެވެ. އެގޮތުން ދާދިފަހުން އޮތް "ޓިއުބުލައިޓް"ގެ ސްކްރީނިންގައި ޝާހްރުކްގެ ދަރިފުޅު ސުހާނާގެ ފޮޓޯ ނަގަން ވެސް ފޮޓޮގްރާފަރުންތައް ވަށާލުމުން އޭނާ ވަރަށް ހިތްހަމަނުޖެހުނު ތަން ވަނީ ފެނިފަ އެވެ. މިއީ ފިލްމުތަކުގައި މަސައްކަތްކުރާ ބަތަލުންނާއި ބަތަލާއިންގެ އޮތް ވަރަށް ކަންބޮޑުވުމަކަށް ނޫނީ ނުވާނެ އެވެ.
ފިލްމީ ބަތަލާ ކާޖޮލް ބުނި ގޮތުގައި އޭނާގެ ވެސް މި ކަންބޮޑުވުން އެބައޮތެވެ. ފިލްމީ ތަރިންނަށް ދަރިންނަށް އެހާ ބޮޑު ސަމާލުކަމެއް ދިނުމަކީ ބޭނުމެއް ކަމެއް ނޫން ކަމަށް ކާޖޮލް ދެކެ އެވެ. ނަމަވެސް އެއީ މުޅިން ހުއްޓުވޭނެ ކަމެއް ނޫން ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ސަބަބަކީ ފިލްމީ ތަރިންގެ ދަރިންނަށް ވާތީ އެކުދިން އުޅޭ ގޮތް ބަލަން މީހުން ޝައުގުވެރިވާތީ އެވެ. އަދި އެ މީހެއްގެ ފޭވަރިޓް އެކްޓަރުގެ ދަރިއަކަށް ވާތީ އެކުދިން ދެކެ ލޯބިވާ މީހުން ވެސް ބައިވަރު އުޅޭތީ އެވެ.
ނަމަވެސް އެކަމުގައި ވެސް ކޮންމެވެސް ހައްދެއް އޮންނަން ޖެހޭނެކަމަށް ކާޖޮލް ބުންޏެވެ. ބައެއް ފަހަރަށް އެކުދިންނަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި މަލާމާތްކޮށް ހަދާތަން ވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިއީ އެކުދިންނަކީ ފިލްމީ ތަރިންގެ ދަރިންނަށް ވާތީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކާޖޮލް ގަބޫލު ކުރެ އެވެ.