މާފުށީ ޖަލުގައި ގައިދީންނާ ކުރިމަތިލުމެއް ހިނގައި ޖަލުގެ އޮފިސަރަކަށް އަނިޔާވެއްޖެ
މާފުށީ ޖަލުގައި ގައިދީންނާ ކުރިމަތިލުމެއް ހިނގައި ޖަލުގެ އޮފިސަރަކަށް އަނިޔާވެއްޖެ

ކ. މާފުށީގައި ހުންނަ ޖަލުގައި ތިބި ގައިދީންނާއި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ އޮފިސަރުންނާ ދެމެދު ރޭ ހިނގި ކުރިމަތިލުމެއްގައި އޮފިސަރަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދީފި ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގްމާން ވިދާޅުވީ ހަމަނުޖެހުން ހިނގީ ރޭ 9:00 ހާއިރު ކަމަށާއި އެ ހަމަނުޖެހުމުގައި އޮފިސަރަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ފަހު މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

"ޖަލުގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގާ. އެތަނުގެ ޔުނިޓެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއް އެއީ. އެއީ އެތަނުގެ ލައިޓް ތަޅާލައިގެން ކަރަންޓް ނަގަން މަސައްކަތްކުރަނިކޮށް ހުއްޓުވަން ވަން އޮފިސަރަކަށް އަނިޔާވީ،" އޭނާ ވިދާޅުވި އެވެ.

ޖަލުގައި ހަމަނުޖެހުން ހިނގައި ގައިދީންނަށް އަނިޔާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެނު ނަމަވެސް ލުގްމާން ވިދާޅުވީ ހަމަނުޖެހުމުގައި އެއްވެސް ގައިދީއަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޔުނިޓް ތިނެއްގައި ތިބި ގައިދީންތަކަށް، ޖަލު އޮފިސަރުން މޫނު ނިވައިކޮށްގެން ވަދެ އަނިޔާކުރުމުން ތިން ގައިދީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ ތިން ގައިދީން މިހާރު ތިބީ ކުޑަގޮޅީގައި ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.