ޕްރިމިއާ ލީގަށް މާޅޮސް ވެސް ވަރުގަދަކޮށްފި
ޕްރިމިއާ ލީގަށް މާޅޮސް ވެސް ވަރުގަދަކޮށްފި

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އއ. މާޅޮސް ޓީމުން ވެސް ފުރަތަމަ ޑިވިޝަންގައި ކުޅުންތެރިން ގެނެސް ވަރުގަދަ ކޮށްފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ސެމީން ޖާގަ ހޯދި މާޅޮހުން ވަނީ ކުރިން އީގަލްސް އާއި ވެލެންސިއާ އަށް މޮޅު ކުޅުމެއް ދެއްކި ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އާއި ޒެފްރޯލަށް ކުޅުނު ބޯޓެން އާއި ވެލެންސިއާ، މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު އަބްދުލް ވާހިދު (ވާޑު) ގެނެސްފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ޓީސީ އަށް މޮޅު ކުޅުމެއް ދެއްކި އަލީ ހާފިޒް (ހާއްޕެ) އާއި ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކަށް ކުޅުނު އަހުމަދު މުހައްމަދު (އައްމަޑޭ) އާއި ކުރިން ބީޖީ އަށް ކުޅުނު އަބްދުﷲ ފައުޒާން (ފައުޑީ) އަދި މާޒިޔާ އާއި ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނު ވިންގް އަބްދުﷲ އިބްރާހިމް (ކްރެސްޕޯ) ވެސް ގެނެސްފަ އެވެ.

މާޅޮހުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ބީޖީ، އީގަލްސް އަދި ވިކްޓަރީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އަލީ ނިސްތާރު މުހައްމަދު އެވެ.

މާލޭ ލީގުގެ ގަދަ ހަތަރަކުން ކެޓި އީގަލްސް އާއި ވިކްޓަރީ އާއި ވެލެންސިއާގެ ބައެއް ކުޅުންތެރިން ވަނީ ޕްރިމިއާ ލީގުގެ ޓީމުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ ށ. މިލަންދޫ އާއި ގދ. ތިނަދޫ އަށް ވެސް ބަދަލުވެފަ އެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއް ކަމަށްވާ ދ. ކުޑަހުވަދޫ އާއި ތިނަދޫގެ އިތުރުން ށ. މިލަންދޫ އާއި އއ. މާޅޮހެވެ.