މަޖިލިސް އިދާރާއަށް ވަން މެމްބަރުން ފުލުހަށް ހާޒިރުވާން އަންގަނީ
މަޖިލިސް އިދާރާއަށް ވަން މެމްބަރުން ފުލުހަށް ހާޒިރުވާން އަންގަނީ

މިދިޔަ ހޯމަ ދުވަހު ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލީސް ބަންދުކޮށްފައި ވަނިކޮށް އެތަނަށް ވަން މެންބަރުން ފުލުސް އޮފީހަށް ހާޒިރުވާން އަންގަމުން އެބަދެ އެވެ.

މަޖިލިސް އިދާރާއަށް ވަން މެމްބަރުން ފުލުހަށް ހާޒިރުވާން އަންގަނީ
މަޖިލިސް އިދާރާއަށް ވަން މެމްބަރުން ފުލުހަށް ހާޒިރުވާން އަންގަނީ

އެ މެންބަރުންގެ ތެރެއިން، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް ވެސް ފުލުސް އޮފީހަށް ހާޒިރުވާން މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ.

އެ ތިން ބޭފުޅުން ވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ޗިޓްގައިވެ އެވެ.

ރިޔާޒަށް އަންގާފައި ވަނީ މިރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. ފަލާހް ހާޒިރުކުރަނީ މާދަމާ މެންދުރުފަހު 3:00 އަށެވެ. އިބޫ އަށް އަންގާފައި ވަނީ މާދަމާ ހަވީރު 5:00 ހާޒިރުވުމަށެވެ.

އިބޫ އާއި ރިޔާޒާއި ފަލާހް ފުލުސް އޮފީހަށް ހާޒިރުކުރާއިރު، އެ މައްސަލައިގެ ތުހުމަތަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށް، ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފަ އެވެ.

އިދިކޮޅު ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަހީދަށް އިތުރު ތުހުމަތެއް ވެސް ފުލުހުން ކުރެ އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް، މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލަ އެވެ. އޭނާ އަކީ މަޖިލިހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެން ވެސް ފަ އެވެ. ވަހީދުގެ އިތުރުން ޕީޕީއެމުން ވަކިކޮށްފައިވާ އަދި އަމިއްލަ އަށް ވަކިވެފައިވާ ފަސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.