އެމެރިކާ ބަލިކޮށް ކޮލަމްބިއާ ތިން ވަނަ ހޯދައިފި
އެމެރިކާ ބަލިކޮށް ކޮލަމްބިއާ ތިން ވަނަ ހޯދައިފި

ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - މުބާރާތް ބާއްވާ ގައުމު އެމެރިކާގެ މައްޗަށް 1-0 އިން ކުރި ހޯދައި ކޮލަމްބިއާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ މެޗުން ވެސް މޮޅުވީ ކޮލަމްބިއާ އެވެ. އެ ފަހަރު އެ ޓީމު މޮޅުވީ 2-0 އިންނެވެ. އެ މެޗަށް ފަހު އެމެރިކާ އިން ވަނީ ސެމީއާ ހަމަ އަށް ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ރޭގެ މެޗު ފެށިގެން 12 ވަނަ މިނިޓްގައި ޖޭމްސް ރޮޑްރިގޭޒް ކޮލަމްބިއާ އަށް ލީޑު ނެގުމާ ގާތަށް ޖެހިލި އެވެ. ޖޭމްސް ފޮނުވާލި ބޯޅަ އެމެރިކާގެ ކީޕަރު ޓިމް ހަވާޑް ވަނީ މަތަކޮށްފަ އެވެ. ކޮލަމްބިއާ އަށް 30 ވަނަ މިނިޓްގައި މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކާލޮސް ބައްކާ އެވެ.

ޖޭމްސް ހުސްކޮށްލާފައި ދިން ބޯޅަ ސަންޓިއާގޯ އަރިއަސް ނަަގައިދިން ހުރަހަކުން ބައްކާ ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ.

އެމެރިކާ އަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކްލިން ޑެމްޕްސީ އެވެ. ޑެމްޕްސީ ފޮނުވާލި ބޯޅަ ކޮލަމްބިއާ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.

އެމެރިކާގެ ކޯޗު ޔާގަން ކްލިންސްމަން ބުނީ ކުޅުމަށް ބަލާއިރު މި މެޗުން ކޮލަމްބިއާ އަށް މޮޅެއް ހައްގުވާ ކަމަށެވެ.

"ދެ ޓީމަށް ބަލާއިރު ކޮލަމްބިއާ އަށް މޮޅެއް ހައްގު. ކޮލަމްބިއާ އަށް ލިބުނު ފުރުސަތުގެ ބޭނުން އެ ޓީމުން ހިފި. އެކަމަކު އަހަރެމެންނަށް ލިބުނު ފުރުސަތު އަހަރެމެން އަތުން ބޭކާރުވީ،" ޖަރުމަނުގެ ކުރީގެ ފޯވާޑް ކްލިންސްމަން ބުންޏެެވެ.

މުބާރާތުގެ ފައިނަލުގައި މިރޭ އާޖެންޓީނާ ބައްދަލުކުރާނީ ޗިލީ އެެވެ.