26 ޖުލައި 2017 - 18:26

ހއ. އުތީމުގައި ބޭއްވި އެސްޓީއޯ/ މޯލްޑިވްސް ގޭސް ޔުނިޓީ ކަޕުގެ ޗެމްޕިއަންކަން އުތީމު ހެލްތު ސެންޓަރު ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކުރީ ފެނަކައާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން 5-2 އިން މޮޅުވެގެންނެވެ. ހެލްތުން ލީޑުގައި އޮއްވާ ފެނަކަ އިން އެއްވަރުކުރީ ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުންނެވެ.
މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ފެނަކައިގެ ހަސަން ރަމީޒް ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ހެލްތުގެ މުހައްމަދު ރިޝްމީ އެވެ. އެއް ވަނަ ޑިފެންޑަރަކީ ފެނަކައިގެ އަލީ ޝުނާނެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހެލްތުގެ މުހައްމަދު ޝަރީފް ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ހެލްތުގެ އަބްދުﷲ އިލްހާމެވެ. އެއް ވަނަ ކޯޗަކީ ހެލްތުގެ އަލީ ނާޝިހެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ކުޅުންތެރިއަކަށް ފެނަކައިގެ އިބްރާހިމް އަމީން ހޮވުނުއިރު އެންމެ މޮޅު ކުޅުންތެރިއަކީ ފެނަކައިގެ ހަސަން ރަމީޒެވެ.
މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކުރުމަށް ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ފުޓްބޯޅައިގެ ލެޖެންޑުން އެ ރަށަށް ޒިޔާރަތްކުރި އެވެ. އޭގެ ތެރޭގައި ކުރީގެ ފުޓްބޯޅަ ތަރިން ކަމަށްވާ މޫސާމަނިކު (ކުޑަމޫސަ) އާއި އައްސަދު އަބްދުލްގަނީ އާއި އަބްދުﷲ އާމިރު (އައްލޯ) އާއި އަލީ ޝިހާމާއި މައުސޫމް އަބްދުލްޣަފޫރު (މާސޭ) އަދި އިޝްހާގު އީސާ ވެސް ހިމެނުނެވެ.
އުތީމު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ބޭއްވި މުބާރާތުގައި މުއައްސަސާތަކުގެ ޓީމުތައް ބައިވެރިވި ނަމަވެސް ރަށަށް ނިސްބަތްވާ އެންމެންނާއި އެ ރަށުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރުގެ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ލިބުނެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ގޭސް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި ތިލަފުށީ ކޯޕަރޭޝަނާއި މިފްކޯ އާއި އެމްޓީސީ އާއި އެމްޕީއެލް އާއި ދޮންމަނިކު ސީވިއު އިން ވެސް ވަނީ ސްޕޮންސާޝިޕް ދީފަ އެވެ. މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން ޕާޓްނަރަކީ މިހާރު ނޫހެވެ. މީގެ އިތުރުން މުބާރާތަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދެއްވި އެހީތެރިކަމާއި އެއްބާރުލުން، އުތީމު ކައުންސިލުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.
އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މުބާރާތް ކާމިޔާބުކަމާ އެކު ގެންދިއުމަށް އުތީމު މުއައްސަސާތަކުގެ ބޭފުޅުންނާއި އުތީމުގެ ލޮބުވެތި ރައްޔިތުން ހާއްސަކޮށް ޒުވާނުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.
"އުތީމު ކައުންސިލުގެ ނައިބް ރައީސް މުހައްމަދު އާދަމް މި މުބާރާތް ފުރިހަމަ ކާމިޔާބު މުބާރާތަކަށް ހެދުމަށް ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރަން. ޔުނިޓީ ކަޕުގެ ތިން މުބާރާތް ކާމިޔާބުކަމާ އެކު ގެންދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ މެމްބަރު ޝުޖާއު،" ރަޝީދު ވިދާޅުވި އެވެ.