އިނގިރޭސިވިލާތުގެ ސަފީރުގެ ނައިބު އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި
އިނގިރޭސިވިލާތުގެ ސަފީރުގެ ނައިބު އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށްފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ޓޮމް ބާން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ވެރިންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީނާއި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގައި ސިޔާސީ މަސްރަހުގެ މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ހާމައެއްނުކުރައްވަ އެވެ.

އިނގިރޭސިވިލާތުގެ ސަފީރުގެ ނައިބު އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވާފައި މި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލި ވެފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތާ އެކު ސަރުކާރުން އަންނަނީ އެކަމަށް ހުރަސް އެޅުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އަދި މަޖިލީހުގައި ސަރުކާރާ ދެކޮޅު ބައެއް މެންބަރުންނަށް ޖިނާއީ ތުހުމަތުތައް ކޮށް ފުލުސް އޮފީހަށް ހާޒިރުކޮށް ބައެއް މެންބަރުންގެ މައްޗަށް އަންނަނީ ޝަރީއަތް ވެސް ހިންގަމުންނެވެ.