26 ޖުލައި 2017 - 17:31

ކާބުލް (ޖުލައި 26) - އަފްޣާނިސްތާނުގެ ދެކުނުގެ ކަންދަހާރާ ކައިރީގައިވާ އަސްކަރީ މަރުކަޒަކަށް ތާލިބާނުން ދިން ހަމަލާއެއްގައި ސިފައިންގެ 26 މީހުން މަރާލައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ބުނީ ކަންދަހާރަށް ދިން ހަމަލާގެ ރައްދުގައި ސިފައިން ވެސް ހަމަލާދީފައިވާ ކަމަށެވެ. އެކަމަކު ތާލިބާނުން ބުނެފައި ވަނީ ޚާކްރެޒް އަސްކަރީ މަރުކަޒު ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ހަމަލާތަކުގައި ސިފައިންގެ 70 މީހުން މަރާލާފައިވާ ކަމަށާއި އިތުރު ހަތް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި ތާލިބާނުން ވަނީ އަސްކަރީ މަރުކަޒުގެ ހުރިހާ ދިމާއަކުން ވެސް ހަމަލާދީފަ އެވެ.
ހެލްމާންޑް ޕްރޮވިންސްގެ ބޮޑު ސަރަހައްދެއް ތާލިބާނުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ހިފައިފަ އެވެ. ތާލިބާނުން ވަނީ ކަންދަހާރާއި އެހެން ބައެއް ޕްރޮވިންސްތަކުގައި ވެސް ހަމަލާތައް ދީފަ އެވެ. އުތުރުގެ މަޒާރޭ ޝަރީފަށް އެޕްރީލް މަހު ތާލިބާނުން ދިން ހަމަލާއެއްގައި ސިފައިންގެ 170 މީހުން މަރާލާފައިވެ އެވެ. މިއީ 2001 ވަނަ އަހަރު ތާލިބާނުންގެ ވެރިކަން ވައްޓާލި ފަހުން ދިން އެންމެ ގިނަ މީހުން މަރުވި ހަމަލާ އެވެ. އަފްޣާނިސްތާނުގެ 11 ޕަސެންޓް މިހާރު ވަނީ ތާލިބާނުންގެ ބާރުގެ ދަށުގައި ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.