27 ޖުލައި 2017 - 11:57

ގުޖުރާތު (ޖުލައި 27) - އިންޑިއާ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުން ގުޖުރާތުން އެއް އާއިލާއަކުން 17 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ މީހުން މަރުވެފައި ވަނިކޮށް ފެނިފައި ވަނީ ފެންގަނޑު ހިނދުމުން ކިސަޑުތަކުގެ ތެރޭންނެވެ. ފެން ބޮޑުވުމުގެ ސަބަބުން ގުޖުރާތު ސްޓޭޓުން ވަނީ 110 މީހުން މަރުވެފަ އެވެ.
ފުލުހުންގެ އިންސްޕެކްޓަރު އޭބީ ޕަރްމާ ވިދާޅުވީ މަރުވި މީހުންގެ ހަށިތައް ނަގާފައި ވަނީ ކިސަޑުގެ ތެރޭން ކަމަށާއި އެއީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ގުޖުރާތު ސަރުކާރުގެ އޮފިޝަލަކު ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.
ގުުޖުރާތުގެ އިމަޖެންސީ އޮފިޝަލަކު ބުނީ ފެންބޮޑުވުމުގައި ގެއްލުނު އިތުރު 12 މީހެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށެވެ.
ގުޖުރާތަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހުމުގެ ސަބަބުން 36،000 މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލު ކުރަން ޖެހިފަ އެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ގުޖުރާތަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ހެލިކޮޕްޓަރުގައި ދަތުރު ކުރައްވައިފަ އެވެ. އެމަނިކުފާނުގެ އުފަން ސްޓޭޓަށް ލިބުނު ހިތާމައިގައި ރައްޔިތުން ކެތްތެރިވެ ތިބުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ހުޅަނގުގެ ގުޖުރާތުގެ އިތުރުން އުތުރުގެ އަރުނަޗަލް ޕްރަދޭޝް އާއި އާސާމްގައި ވެސް ވަނީ ފެންބޮޑުވެ ގެއްލުންތައް ލިބިފަ އެވެ. އާސާމުން އެކަނިވެސް ވަނީ 75 މީހުން މަރުވެފަ އެވެ. މީގެ އިތުރުން އިރުމަތީގެ އޮޑިއްސާ އާއި ބިހާރަށް ވެސް ވަނީ ފެންބޮޑުވުމުގައި ގެއްލުންވެފަ އެވެ.