26 ޖުލައި 2017 - 18:28

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި މައި ހަރުގެ ހުންނަ މ. ކުނޫޒް ރޭގެ ވަގުތެއްގައި ފުލުހުން ފާސްކުރުމަށް ފަހު މިއަދު އަލުން ފާސްކުރަން އުޅުމުން، އެތަން ހުޅުވައިދޭން ދެކޮޅު ހަދައިފި އެވެ.
ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ކޯޓު އަމުރަކަށް ފުލުހުން ކުނޫޒް ފާސްކުރުމަށް ފަހު، އެތަނުން ފުލުހުން ބޭނުންވި އެއްވެސް އެއްޗެއް ނުފެނުނު ކަމަށް ލިޔުން ދީފައިވާ ކަމަށާއި އެކަމަކު އަދިވެސް އެތަން ދޫނުކޮށް ފުލުހުން ތިބީ ޕާޓީގެ ހަރަކާތްތަކަށާއި ހިންގުމަށް ހުރަސް އަޅަން ކަމަށެވެ.
ކުނޫޒް ދެ ވަނަ ފަހަރަށް ފާސްކުރަން ދިއުމުން ތަން ހުޅުވައި ނުދިނީ، ކުރީގެ އަމުރަށް ތަން ފާސްކޮށް ނިމުނު ކަމަށް ފުލުހުން ލިޔުން ދީފައި ވާތީ، އާ އަމުރަކަށް ނޫނީ ދެން ފާސްނުކުރެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުން ބުނަނީ ކޯޓު އަމުރުގެ މުއްދަތު 72 ގަޑިއިރަށް އޮންނާނެ ކަމަށާއި ރޭ ދިން ލިޔުމަކީ ރޭ ފާސްކުރި ތަންތަނާއި ތަކެއްޗާ ބެހޭ ގޮތުން ދިން ލިޔުމެއް ކަމަށެވެ.
ކުނޫޒް ހުޅުވައި ނުދިނުމުން ފުލުހުން އަދިވެސް އެ ސަރަހައްދުގައި އެބަތިއްބެވެ.
ޖިނާއީ އިޖުރާތުގެ ގާނޫނުގެ 32 ވަނަ މާއްދާގައި އޮންނަ ގޮތުން، ތަނެއް ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގައި އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށްޓަކައި އެއްފަހަރަށް ވުރެ ގިނަ ފަހަރު އެތަނަކަށް ވަންނަ ނަމަ އެކަން ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކީލުން ވިދާޅުވަނީ ކުނޫޒް ފާސްކުރަން ފުރަތަމަ ގެނައި އަމުރުގައި ދެ ފަހަރު ބަލައި ފާސްކުރަން ކޯޓުން ހުއްދަ ދީފައި ނުވާ ކަމަށާއި އެ އަމުރަށް ދެ ވަނަ ފަހަރަށް ފުލުހުން ވަދެފި ނަމަ އެކަމުގެ ޒިންމާ ފުލުހުން ނަގަންޖެހޭނެ ކަމަށެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްއިން ކްރިމިނަލް ކޯޓުގެ އިސްވެދެންނެވި އަމުރު ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ، ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް މި ޕާޓީން ގެނެސް، އެކަމުގައި ފިޔަވަޅު އަޅުއްވައިދެއްވުން އެދި އެ ކޯޓަށް ވާނީ ލިޔުމުން ހުށަހަޅައިފަ އެވެ،" ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ.