ޗައިނާއިން ރާއްޖޭގައި ލޮލުގެ ކޭމްޕެއް ބާއްވަނީ
ޗައިނާއިން ރާއްޖޭގައި ލޮލުގެ ކޭމްޕެއް ބާއްވަނީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް އަންނަ ސެޕްޓެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

ހެލްތް މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމެލީ ޕްލޭނިން ކޮމިޝަނާ އެކު ބާއްވާ ކޭމްޕަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހަފުތާގައި ޑޮކްޓަރުންގެ ހާއްސަ ޓީމެއް ޒިޔާރަތްކުރާނެ ކަމަށެވެ.

އެ ޑޮކްޓަރުންގެ ޓީމުން އަންނަ އަންގާރަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލް އަދި އޮގަސްޓް 3 އާ ހަމައަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބަލިމީހުން ބަލާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ސްކްރީނިންގެ ތެރޭގައި އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ފާހަގަކުރެވޭ މީހުންނަށް، ސެޕްޓެމްބަރު މަހުގެ ކޭމްޕްގައި ފަރުވާ ދޭނެ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދައްކަން 1417 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ. ގަމު ހޮސްޕިޓަލްގައި ޗައިނާގެ ޑޮކްޓަރުންނަށް ލޯ ދައްކަން ބޭނުން މީހުން 6800026 އަށް ގުޅައިގެން އެކަން ހަމަޖެއްސޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 2015 ގައި ވެސް ރާއްޖޭގައި ލޮލުގެ ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި އެ ކޭމްޕުގައި 200 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަަށް ދެއްކިއިރު 107 މީހުންގެ ކެޓަރެކްޓާ ސާޖަރީ ހަދާފައިވެ އެވެ.