26 ޖޫން 2016 - 13:18

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުުސީ)ގެ ބޮޑު ޚިޔާނާތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ މައުލޫމާތު އާންމު ކުރި ކަމަށް ބުނެ އެ ބޭންކުގެ ކުރީގެ މުވައްޒަފަކަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައި، ޝަރީއަތް ސިއްރު ކޮށްފި އެވެ.
ފ. ނިލަންދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރަކަށް ކުރިން ހުރި ގާސިމް އަބްދުލްކަރީމްގެ މައްޗަށް ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހު އެ ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު އޭނާ ބަލައި، އެ މައުލޫމާތު އާންމު ކުރި ކަމަށް ބުނެ އެވެ. އެނގިފައިވާ ގޮތުގައި ގާސިމް އާންމުކޮށްފައިވަނީ މިހާތަނަށް ރާއްޖޭގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެކެވެ.
އެ މައްސަލާގައި ގާސިމްގެ މައްޗަށް ދެ ދައުވާއެއް އުފުލައި، އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ފަށާފައިވާ އިރު، ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ޝަރީއަތް ސިއްރުކުރީ ސިއްރު މައުލޫމާތުތަކެއް ދައުލަތުން އެ މައްސަލާގައި ހުށަހަޅާފައިވާތީ އެވެ.
ގާސިމްގެ މައްޗަށް އެ މައްސަލައިގައި އުފުލި ދެ ދައުވާއަކީ، ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ބޭންކުގެ ފަރާތުންނެވެ. އެ މައްސަލާގައި ގާސިމް މިހާރު ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.
މިިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި ގާސިމް ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ. އެކަމަކު އެ މައްސަލާގައި އިތުރު ތުހުމަތެއް އޭނާގެ މައްޗަށް ކޮށް، ބަންދުގެ މުއްދަތު ކުރިން އިތުރުކޮށްފައިވާތީ މިހާތަނަށް ވެސް އޭނާ ބަންދުން ދޫކޮށްލާފައެއް ނުވެ އެވެ.