26 ޖުލައި 2017 - 18:45

ކުޑަކުދިންނާއި އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު އަދި ހިތްގައިމު ފުޅަނދު ބުރުތައް ބޭއްވި ދެތިން އަހަރަކަށް ފަހު އޭގެ ފަޅުކަން މި އަހަރުގެ މިނިވަން ދުވަހު އެތައް ހާސް ބަޔަކަށް އިހުސާސްކުރެވޭނެ އެވެ.

މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނުނު އަދި މާލޭގެ މަގުތަކަށް އަންނަ އީދެއްގެ ގޮތުގައި ބެލެވުނު ފުޅަނދު ބުރު ނުބާއްވާ ސަބަބެއް ހޯމް މިނިސްޓްރީއަކުން ނުބުނެ އެވެ.

މިދިއަ ދެ އަހަރު ވަރަށް ފެންވަރު މަތީ ފުޅަނދުތަކެއް ސަރުކާރުގެ ކުންފުނިތަކާއި ބައެއް މިނިސްޓްރީތަކުން ތައްޔާރުކުރި އެވެ. އެ ފުޅަނދުތައް ބަލަން މާލޭގެ މަގުތަކަށް އެތައް ހާސް ބަޔަކު ޖަމާވެ އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ކުޅިވަރުތައް އޮންނާނީ މިރޭ ގަލޮޅު ދަނޑުގަ އެވެ. ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހަ ސްކޫލަކުންނާއި ސިފައިން އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ އެކި ހަރަކާތްތައް އޮންނާނެ ކަމަށެވެ.
ވޭތުވެ ދިޔަ ދެ އަހަރާ ހިލާފަށް މި ފަހަރު ކޮންމެ ސްކޫލަކުން ވެސް ވަކިން އައިޓަމެއް ހުށަހަޅައިދޭނެ އެވެ. ކުރިން ކުޅިވަރުތައް ކުޅުނީ ސްކޫލުތައް އެއްކޮށްލައިގެންނެވެ.
އޮފިޝަލް ވިދާޅުވީ ސްކޫލުތަކުން ނެށުންތައް ހުށަހަޅައިދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތީމުތަކަށް ކަމަށެވެ. ސްކޫލްތަކުގެ ކުޅިވަރުތަކުގެ އިތުރުން އެމްއެންޑީއެފްގެ ހާއްސަ ޑްރިލްއެއް ވެސް، އެހެން އަހަރުތަކެކޭ އެއްގޮތަށް މިރޭ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުޅަނދު ބުރު ނެތަސް، މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ކެޑޭޓުންގެ ރޫޓު މާޗު އޮންނާނެ އެވެ. އަދި އޭގެ އަނެއް ދުވަހު ހުޅުމާލޭގައި ސިފައިންގެ ރޫޓު މާޗު ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.