28 ޖުލައި 2017 - 06:44

މިދިޔަ މެއި މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސްޕަހީރޯ ފިލްމް "ވޮންޑަވުމަން" ގެ ޖާދޫގައި ޖެހުނު މީހުންނަށް ވާނާ ބްރަދާޒް އިން ދޭން އޮތީ އުފާވާ ކަހަލަ ހަބަރެކެވެ. އެއީ އެ ފިލްމުގެ ދެވަނަ ބައެއް އުފައްދަން ނިންމައި، ރިލީޒް ކުރާ ތާރީހު ވެސް މިހާރު ކަނޑައަޅާފައިވާތީ އެވެ.
އިޒްރޭލްގެ ބަތަލާ ގަލް ގަޑޯ ޑަޔާނާ ޕްރިންސްގެ ރޯލުން ފެނިގެން ދިޔަ މި ފިލްމްގެ ދެވަނަ ބައި "ވޮންޑަ ވުމަން 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެމްބަރު 13، 2019 ގަ އެވެ.
ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު ސީކްއެލް ޑައިރެކްޝަނަށް "ވޮންޑަވުމަން" ގެ އަންހެން ޑައިރެކްޓަރު ޕެޓީ ޖެންކިންސް އަންނާނެކަން ވެސް އަދި ކަށަވަރެއް ނޫނެވެ. އެކަމަކު މި ފިލްމުގެ ޓީމުން އަންނަނީ އޭނާއާ ވާހަކަ ދައްކަމުންނެވެ.
"ވޮންޑަ ވުމަން" އަށް ލިބުނު ބޮޑު ތަރުހީބާ އެކު އެ ފިލްމުން ސާބިތުކޮށް ދިން އެއް ކަމަކީ އަންހެން ސްޕަހީރޯއަކަށް ވެސް ބޮކްސް އޮފީހުގައި ޖާދޫ ދައްކައިލެވިދާނެ ކަމެވެ.
އަނެއްކޮޅުން ފިލްމުގެ ލީޑް ރޯލާއި ފިލްމުގެ ޑައިރެކްޝަންގައި އަންހެން ފަންނާނުންތަކެއް ހިއްސާވުމަކީ އަންހެނުންގެ ބާރުވެރިކަމާއި ކުޅަދާނަކަން ވެސް ވަރަށް ބޮޑު ދައްކުވައި ދިން ކަމެކެވެ.
އެހެންވެ "ވޮންޑަ ވުމަން 2" ގެ ޑައިރެކްޓަރުގެ ގޮނޑި ފުރާލަ ދޭން، ޕެޓީ ވެސް އަންނާނެ ކަމަށް ބެލެވެ އެވެ.
ޖުމްލަ 149 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި "ވޮންޑަ ވުމަން" ވަނީ ބޮކްސް އޮފީހުގައި 780.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.