40 އަހަރު ފުރޭތީ ނިއުމާގެ ސަޕްރައިޒްތަކެއް އެބަހުރި
40 އަހަރު ފުރޭތީ ނިއުމާގެ ސަޕްރައިޒްތަކެއް އެބަހުރި

އުމުރުން 40 އަހަރު ފުރޭތީ ވަރަށް ހާއްސަ ކަންތައްތަކެއް އަދި ސަޕްރައިޒްތަކެއް ފޭނުންނާ ހިއްސާކުރަން ތައްޔާރުވަމުން އަންނަ ކަމަށް މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ބުނެފި އެވެ.

40 އަހަރު ފުރޭތީ ނިއުމާގެ ސަޕްރައިޒްތަކެއް އެބަހުރި
40 އަހަރު ފުރޭތީ ނިއުމާގެ ސަޕްރައިޒްތަކެއް އެބަހުރި

ނިއުމާގެ އުފަން ދުވަހަކީ އޮކްޓޯބަރު 20 އެވެ.

40 އަހަރު ފުރޭތީ ނިއުމާގެ ސަޕްރައިޒްތަކެއް އެބަހުރި
40 އަހަރު ފުރޭތީ ނިއުމާގެ ސަޕްރައިޒްތަކެއް އެބަހުރި

ނިއުމާ ބުނީ ކުރިއަށް ހުރި ކަންކަމުގެ ވާހަކަ ކިޔައިދޭނީ ފަހުން ކަމަށެވެ.

ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރުވީތޯ އެހުމުން ނިއުމާ ވަނީ އެ ވާހަކަ ވެސް އިހަށް ބާއްވާނީ ކަމަށް ބުނެފަ އެވެ.

"އެ ވާހަކަތައް ފަހުން ބުނާނަން އިނގޭ. ހަމަ ގައިމު ވެސް އެބަހުރި ސަޕްރައިޒްތަކެއް ސާޅީސް އަހަރުވާތީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ.

ނިއުމާ އަށް 40 އަހަރު ފުރޭ އިރު، އޭނާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު ފިލްމީ ދާއިރާގައި މަސައްކަތްކޮށްފަ އެވެ. ޑްރާމާ ސިލްސިލާ "ހިތި ތަޖުރިބާ" އިން ފިލްމީ ދަތުރު ފެށި މި ބަތަލާއަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ބަތަލާ އެވެ. އެހެންވެ ނިއުމާގެ ފިލްމީ ކެރިއަރުގައި "އަސްލު ހިތި" ކަމެއް ނެތެވެ. އޭގައި ހުރީ ހުސް ބެލުންތެރިންނާ ވެސް ގުޅިފައިވާ އުފާވެރި މަސައްކަތްތަކެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް ބަލާއިރު ރާއްޖޭގައި މިހާތަަނަށް އެންމެ ގިނަ ފީޗާ ފިލްމާއި ވީޑިއޯ ލަވަ ކުޅުނު ބަތަލާ އަށް އޭނާ ވާނެ އެވެ. ވަރަށް ކާމިޔާބު ޑްރާމާތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ކުރު ލިސްޓަކަށް ދާ ނަމަ ފަތިސްހަނދުވަރު (1997)، ކަލާޔާ ނުލާ (2003)، ޔޫސުފް (2008) އަދި އަމިއްލަ އަށް ޑައިރެކްޓްކޮށް، ޓައިލްޓް ރޯލް ކުޅުނު ނިއުމާ (2010) ހިމެނެ އެވެ.

ބައެއް ސަބަބުތަކާ ހެދި އަދި ރިލީޒް ނުވާ ފިލްމްތަކެއް ވެސް ނިއުމާގެ ލިސްޓްގައި އެބަ ހުއްޓެވެ. އެއީ "މާޔޫސް" އާއި "ހަތަރު ހަޅަ" އެވެ.

ފިލްމީ ދާއިރާ އިން އެތައް އެވޯޑެއް ވެސް ހޯދާފައިވާ ނިއުމާ ކުޅުނު ޑްރާމާތަކުގެ ތެރެއިން "ވައިރޯޅި އަށް ވެސް ސިއްރުން" "ތިޔޭ މި ހިދުގެ ވިންދަކީ" އަކީ އެންމެ ކާމިޔާބު ދެ ސިލްސިލާ އެވެ.

އަންނަ މަހު ދޭއްގައި ރިލީޒް ކުރާ ފިލްމް "ނޯޓީ 40" ގެ ހާއްސަ ފެނިލުމަކުން ވެސް ނިއުމާ ފެނިގެންދާ އިރު، އޭނާ މިހާރު ނިންމައިގެން ހުރީ ކެމެރާގެ ކުރިމަތީގައި މަސައްކަތް ކުރުމަށް ވުރެ ބޮޑަށް ފަހަތުގައި މަސައްކަތް ކުރަން އަޒުމް ކަނޑައަޅައިގެންނެވެ.

އެގޮތުން ފިލްމްތައް ޕްރޮޑިއުސް ކުރުމަކީ ނިއުމާ މިހާރު ކުރަން ބޭނުންވާ އެއް ކަމެވެ. "ނޯޓީ 40" އާއި އަންނަ ސެޕްޓެމްބަރު މަހު ރިލީޒް ކުރާ "ހައްދު" އަކީ ވެސް ނިއުމާގެ ހިއްސާ އޮވެގެން އުފައްދާ ފިލްމްތަކެވެ. އެ ފިލްމްތަކުގެ އެއް ޕްރޮޑިއުސަރަކީ އޭނަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު އެޅުވި "ބައިވެރިޔާ" އަކީ ވެސް ޕްރޮޑިއުސަރެއްގެ ޒިންމާ ނިއުމާ ނެގި ފިލްމެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ނިއުމާ ވަނީ ދެވަނަ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އެކަމަކު އޭގެ މަސައްކަތް އަދި އޮތީ ސްކްރިޕްޓިން މަރުހަލާގައި ކަމަށް ބުންޏެވެ.

އެހެންވެ އަންނަ އަހަރަކީ ނިއުމާގެ ޑައިރެކްޓް ކުރާ ފިލްމެއް ސިނަމާ އަށް އަންނާނެ ކަމަށް ބެލެވޭ އަހަރެކެވެ. ނިއުމާ ދޭން އެ އުޅޭ ސަޕްރައިޒަކީ ފަހަރުގައި އެއަށް ވެސް ވެދާނެ އެވެ.