ޕާކިސްތާނުގެ ގިނަ މީހުން ބޭނުން ވަނީ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވަން
ޕާކިސްތާނުގެ ގިނަ މީހުން ބޭނުން ވަނީ ނަވާޒް ޝަރީފް އިސްތިއުފާ ދެއްވަން

އިސްލާމްއާބާދު (ޖުލައި 26) - ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްފައިވާ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ސިޔާސީ ކަންކަމާ އެމަނިކުފާން ދުރަށް ވަޑައިގަތުމަށް ޕާކިސްތާނުގެ ގިނަ މީހުން ބޭނުންވާ ކަމަށް ދާދި ފަހުން އެ ގައުމުގައި ކުރި ސާވޭއަކުން ދައްކައިފި އެވެ.

ރިސާޗް އެޖެންސީއެއް ކަމަށްވާ ގެލަޕް ޕާކިސްތާނުން ކުރި ސާވޭގައި ވަނީ ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލާގައި ނަވާޒް ޝަރީފަށް ދޭނެ ނަސޭހަތަކީ ކޮބައިތޯ ސުވާލު ކުރުމުން 51 ޕަސެންޓް މީހުން ވަނީ ސިޔާސީ ކަންކަމުން އިސްތިއުފާ ދިނުމަށް އެދިފަ އެވެ. އަނެއް 49 ޕަސެންޓް މީހުން ވަނީ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަ އަށް ކުރިމަތިލައްވާ ކާމިޔާބު ކުރުމަށް އެދިފަ އެވެ.

ސާވޭގައި އިތުރަށް ކުރި ސުވާލުތަކުގެ ތެރޭން 59 ޕަސެންޓް މީހުން ވަނީ ނަވާޒް ޝަރީފުގެ ބަދަލުގައި ކޮއްކޯފުޅު ޝަހުބާޒް ޝަރީފް ބޮޑު ވަޒީރު ކަމަށް ނޮމިނޭޓް ކޮށްފި ގަބޫލް ކުރާނެ ކަމަށް ބުނެފަ އެވެ.

ޕާކިސތާނުގެ ސުޕްރީމް ކޯޓަށް ނަވާޒް ޝަރީފާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލާގައި ކުރިއަށް އޮތް ހަފުތާތަކުގައި ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. ނަވާޒް ޝަރީފާއި އެމަނިކުފާނުގެ ކެބިނެޓުން ދަނީ މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ބުނެފަ އެވެ. އަދި ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ ޝަރުއީ ދާއިރާ އާއި ސިފައިން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޖޮއިންޓް އިންވެސްޓިގޭޝަން ޓީމު (ޖޭއައިޓީ) ގެ ތަހުގީގަށް ފަހު ސުޕްރީމް ކޯޓަށް ހުށަހެޅި 254 ސަފުހާގެ ރިޕޯޓަށް ނަވާޒް ޝަރީފް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.