"އޭބީސީޑީ 3" ކުޅެން ޝާހްރުކް ބޭނުންވެއްޖެ
"އޭބީސީޑީ 3" ކުޅެން ޝާހްރުކް ބޭނުންވެއްޖެ

މީގެ ދުވަސްކޮޅެއް ކުރިން ޝާހްރުކް ޚާން ވަނީ ރޭމޯ ޑިސޫޒާގެ ޑާންސް ރިއަލިޓީ ޝޯ "ޑާންސް ޕްލަސް" ގައި ބައިވެރިވެފަ އެވެ. އޭނާ މި ޝޯގައި ބައިވެރިވީ އޭނާގެ އަލަށް ރިލީޒްކުރަން ތައްޔާރުވަމުންދާ ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" ޕްރޮމޯޓް ކުރުމަށެވެ.

މި ޝޯގައި ޝާހްރުކް ބުނި އެއްޗަކުން ޝޯގެ ސުޕަ ޖަޖް އަދި މަޝްހޫރު ކޯރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ އަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނެވެ. ޝާހްރުކް ބުނި ގޮތުގައި ރޭމޯގެ "އޭބީސީޑީ 3"ގައި ބައިވެރިވާން އޭނާ ވަރަށް ބޭނުމެވެ.

ޝާހްރުކް ބުނި ގޮތުގައި އެ ފިލްމަށް އޭނާ ހޮވަން ރޭމޯ ކައިރީގައި އެދެނީ ކިތަންމެ ދުވަހެކެވެ.

"އަހަރެން ދާދިފަހުން ރޭމޯއާ އެކު ލަވައެއް ޝޫޓްކުރިން. އޭނާގެ ކޯރިއޮގްރަފީ އަހަންނަށް ވަރަށް ކަމުދިޔަ. އޭނާ އާއެކު މީގެ ކުރިން މަސައްކަތް ކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ،" ޝާހްރުކް ބުންޏެވެ.

ނަމަވެސް މިވަގުތު ރޭމޯ އުޅެނީ އެހެން ޚާނެއް ލައްވާ ފިލްމެއް ކުޅުވުމުގެ ތައްޔާރީގަ އެވެ. ސަލްމާން ޚާން ލީޑް ރޯލަށް ލައިގެން ރޭމޯ އުފައްދާ ފިލްމުގެ ތަމްރީނުތައް މިހާރު ސަލްމާން އަންނަނީ ހަދަމުންނެވެ. ނެށުމަށް ބިނާކޮށްފައިވާ މި ފިލްމުގައި ސަލްމާން ކުޅެނީ 13 އަހަރުގެ ކުއްޖެއްގެ ބައްޕައެއްގެ ރޯލެވެ. ފިލްމުގެ ބަތަލާ އަކީ ޖެކްލީން ފެނާންޑިސް އެވެ.

ރޭމޯގެ ޑާންސް އަށް ބިނާކޮށްފައިވާ ހުރިހާ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން "އޭބީސީޑީ" އާއި "އޭބީސީޑީ 2" އަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ. އެހެންކަމުން ރޭމޯގެ ފިލްމުތަކުގައި ބައިވެރިވާން މިހާރު ހުރިހާ އެކްޓަރުން ވެސް ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ރޭމޯ މިހާރު އިއުލާން ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އޭނާ އެންމެ އަވަހަށް ފަށާނީ ސަލްމާން އާއެކު ކުޅޭ ފިލްމެވެ. އޭގެ ފަހުން "އޭބީސީޑީ 3" ފަށާނެ ކަމަށް ރޭމޯ ވަނީ ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި މި ފިލްމުގައި "އޭބީސީޑީ 2"ގެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ބައިވެރިކުރަން އޭނާ ވަނީ ނިންމާފަ އެވެ.