ޓީސީ އަށް ޒާދާއި ބަމްޕުޗް އަދި މިސްރު ކުޅުންތެރިއެއް
ޓީސީ އަށް ޒާދާއި ބަމްޕުޗް އަދި މިސްރު ކުޅުންތެރިއެއް

ދިވެހި ޕްރިމިއާ ލީގަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޓީސީ ސްޕޯޓްސް ކްލަބުން އީގަލްސްގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ޒާދާއި ނިއު ރޭޑިއަންޓުގެ ޒުވާން ފޯވާޑް އަހުމަދު ސުހެއިލް (ބަމްޕުޗް) އަދި މިސްރުގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.

ޓީސީ އަށް ޒާދާއި ބަމްޕުޗް އަދި މިސްރު ކުޅުންތެރިއެއް
ޓީސީ އަށް ޒާދާއި ބަމްޕުޗް އަދި މިސްރު ކުޅުންތެރިއެއް

ލ. ކަޅައިދޫ ޓީމުން 2009 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ތައާރަފްވި ޒާދު ވަނީ ޓީސީން 2015 ވަނަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އީގަލްސް އަށް ބަދަލުވެ ތަފާތު ދައްކައި ގައުމީ ޓީމުން ވެސް ޖާގަ ހޯދި އެވެ.

ކުރިން ނިއު އަށް ވެސް ކުޅުނު މިޑްފީލްޑަރު ވަނީ އީގަލްސްގެ ޑިފެންސް ލައިނަށް މި ސީޒަނުގައި ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ޑިފެންސުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އޭނާ ޓީސީ އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ. އީގަލްސް އަށް ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުން އެ ޓީމުން ވަނީ ގިނަ ކުޅުންތެރިންތަކަކަށް މި ސީޒަނުގެ ނިޔަލަށް ރިލީޒް ދީފަ އެވެ.

ބަމްޕުޗަކީ ބ. އޭދަފުށީ ޓީމުން އިންޓަ ސްކޫލް މުބާރާތުގައި އެންމެ ފުރަތަމަ ފާހަގަވި ކުޅުންތެރިއެކެވެ. ދުވެލި ބާރު ބަމްޕުޗް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ބައެއް މެޗުތަކުގައި ތަފާތު ދައްކައިފަ އެވެ.

އެ ޓީމަށް ގެނައި މިސްރުގެ މިޑްފީލްޑަރު ޚަލީލަކީ މެދުތެރޭގެ އިތުރުން ޑިފެންސުގައި ވެސް ބޭނުންކުރެވޭނެ ކުޅުންތެރިއެއް ކަމަށް ކްލަބުން ބުނެ އެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއް ކަމަށްވާ ދ. ކުޑަހުވަދޫ އާއި ތިނަދޫގެ އިތުރުން ށ. މިލަންދޫ އާއި އއ. މާޅޮހެވެ.