26 ޖުލައި 2017 - 15:34

ސަޕޯޓަރުންނަށް އަހުމަދު މަހުލޫފްގެ ހިތްވަރު އެންމެ ފުރަތަމަ ސާބިތުވީ ދާދި ފަހުން ޖަލުގައި 10 މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި އިރު އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ދޮޅު މަސް ދުވަސް ފަހުން މިދިޔަ ހޯމަދުވަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަނެއްކާވެސް ދެއްކެވީ އާދަޔާޚިލާފު ހިތްވަރެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.
އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަނަ ނުދޭން ފުލުހުންނާއި ސިފައިން ހުރަސް އަޅައި، ހިނގި ހަމަނުޖެހުންތައް މަހުލޫފް ވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ދައްކައިދީފަ އެވެ. މަޖިލިސް ތެރޭގައި މެމްބަރުން އުޅުނު ގޮތާއި ސިފައިންނާއި ފުލުހުން ގޮސް މެމްބަރުން އެ ތަނުން ނެރުނު ގޮތާއި އެ ކަންތައްތަކުން މެމްބަރުންނަށް ލިބުނު އަނިޔާތައް ވެސް އެ ދުވަހު އާއްމުންނަށް ފެނުނީ މަހުލޫފް ގެނެސްދެއްވި ވީޑިއޯތަކުގެ ސަބަބުންނެވެ. އޭނާގެ ފޭސްބުކް ލައިވް ރާއްޖެ ޓީވީ އާއި ވީޓީވީން ވެސް ގެންދިޔައީ ދައްކަމުންނެވެ.
ނޫސްވެރިންނަށް ވަދެވެން ނެތް އަދި އާއްމު ކެމެރާތައް ނުފޯރާ ހިސާބަކުން މަހުލޫފް ގެނެސްދެއްވީ އެންމެންގެ ޝައުގުވެރިކަން ހުއްޓުނު މުހިއްމު މަންޒަރުތަކެކެވެ. އެއާ އެކު އޭނާ ވެގެން ދިޔައީ މަޖިލީހުގެ މެމްބަރަކަށް އެކަންޏެއް ނޫނެވެ. އެ ދުވަހު މަޖިލީހުގައި ހިނގި ކަންތައްތައް އާއްމުންނާ ހަމައަށް ގެނެސްދިން ނޫސްވެރިޔަކަށް ވެސް މެ އެވެ.
އެ ދުވަހު މަހުލޫފް އެންމެ ދިގުކޮށް ގެނެސްދެއްވި ލައިވްގެ ވީޑިއޯ އަށް މިހާތަނަށް 37،500 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. އަދި އެ ވީޑިއޯ އަށް ލިބިފައިވާ ހާހަކަށް ވުރެ ގިނަ ކޮމެންޓުގައި އެތައް ބަޔަކު ވަނީ މަހުލޫފަށް ސާބަހާއި ހިތްވަރުގެ ބަސްތަކުން ތައުރީފްކޮށްފަ އެވެ.
މަޖިލީހުގެ އެތެރޭގަ އާއި އެ ތަނުގެ ގޯތި ތެރޭގައި އަދި ގޭޓު ކައިރީގައި ހިނގި ކަންތައްތައް މަހުލޫފް ތިން ފަހަރެއްގެ މަތިން ލައިވްކުރެއްވި އެވެ. އެންމެ ފުރަތަމަ ގެނެސްދެއްވީ ފުލުހުން ޕެޕަ ސްޕްރޭ ޖަހަމުން ދަނިކޮށް ފާރުމަތިން އަރައިގެންނާއި އެ ނޫން ވެސް ގޮތްގޮތަށް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެގަތުމަށް ފަހު މެމްބަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ކޮޓަރީގައި ތިއްބަވައިގެން މެމްބަރުން ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާ އަށް ގޮވާ މަންޒަރު އެ ވީޑިއޯ އިން ފެނުނެވެ.
އެއަށް ފަހު މަހުލޫފް ގެނެސްދެއްވި ސާޅީހަކަށް މިނިޓްގެ ލައިވްގައި އެހެން މެމްބަރުންނާ އިންޓަވިއުކުރައްވަމުން ގެންދެވި އެވެ. ކޮންމެ މެމްބަރަކު ވެސް އެ ބޭފުޅެއްގެ ޝުއޫރު ފާޅުކުރައްވައި އާއްމުންނަށް މެސެޖުތައް ދެއްވި އެވެ. އޭގެ ފަހުން ސިފައިންގެ ފައުޖެއް މަޖިލިސް ތެރެއަށް ވަދެގަތް ގޮތާއި އެސްއޯ ފުލުހުން ވެސް އެ ތަނުގެ ތެރެއަށް ވަދެ މެމްބަރުން ނެރެން އުޅުނު ގޮތް އަދި ބައެއް މެމްބަރުންނަށް އަނިޔާވެ ބިންމަތީގައި ތިއްބެވި މަންޒަރު ވެސް ވަނީ ފެނިފަ އެވެ. އެންމެ ފަހުން ސިފައިންގެ ބަޔަކު އައިސް މަހުލޫފްގެ ހަތަރެސްފައިގައި ހިފައި ނަގައިގެން މަޖިލީހުގެ އިދާރާ އިން ނެރެގެން ގެންދިޔަ އިރު ވެސް އޭނާ ލައިވް ކުރިއަށް ގެންދެވި އެވެ. އެ ވަގުތު މަހުލޫފް ގެންދެވީ އެކަން ހުއްޓާލަން އެދި ސިފައިންނަށް އާދޭސްކުރައްވަމުންނެވެ.
"އަނިޔާވާ ގޮތަށް ނެރުނަސް، އަނިޔާނުވާ ގޮތަށް ނެރުނަސް، ތި ކުރެވެނީ ވަރަށް ބޮޑު ގާނޫނީ ކުށެއް، ކުދިންނޭ! އާދޭހާ އެކީ އަޅުގަނޑު ތި ކުދިންނަށް މި ދަންނަވަނީ، ތިހެން ނަހަދާށޭ،" ވީޑިއޯގައި މަހުލޫފް ވިދާޅުވެ އެވެ.
ފަހުން އޭނާ ވަނީ ފުލުހުން އޭނާ އަތުލަފިކޮށްގެން މަޖިލީހުގެ އިދާރާ ސަރަހައްދުން ދުރަށް ގެންދިޔަ މަންޒަރު ވެސް ލައިވްކުރައްވާފަ އެވެ.
މިއީ މަހުލޫފް ފޭސްބުކް ލައިވް ބޭނުންކުރެއްވި ފުރަތަމަ ފަހަރެވެ. އޭނާ މިއަދު ވިދާޅުވިގޮތުގައި އެ ދުވަހު އެކަން ކުރައްވަން ދުރާލާ ނިންމެވި ނަމަވެސް، އެހާ ކުއްލި ގޮތަކަށް އެކަން ކުރަން ޖެހިދާނެ ކަމަކަށް ހިތަކަށް ނާރަ އެވެ.
"އަޅުގަނޑުމެން ހިތަކަށް ނާރާ ކުނޫޒް ކައިރިން ހިފަހައްޓާނެއެކޭ. ހިތަށް އެރީ މަޖިލީހާ ހަމައަށް ރީއްޗަށް ދެވޭނެއޭ، އެ ތަނަށް ވަންނަން އުޅެން ފެށީމައޭ، ކުރާ ކަމެއް ކުރާނީ. އަޅުގަނޑަކަށް އޭރަކު އަސްލު އެހާ ބޮޑަކަށް ނޭނގޭ ފޭސްބުކް ލައިވް އެއީ ކިހިނެއް ކުރާ ކަމެއް ކަމެއް. އެހެންވެ ނަޒޫ (އަނބިކަނބަލުން) ކައިރިން އަހަން ނިންމައިގެން ހުރީ،" މަހުލޫފް ވިދާޅުވި އެވެ.
އެކަމަކު އެ ފުރުސަތު ލިބިވަޑައިނުގެން ކުއްލި ގޮތަކަށް ފޭސްބުކް ލައިވް ފެއްޓެވި އިރު އޭނާ ނަންގަވަން ޖެހިވަޑައިގަތީ ކުރިން ހީކޮށްފައި ނުވާ ފަދަ މަންޒަރުތަކެކެވެ.
"އަސްލު މަޖިލިސް ތެރެ އަށް ވަނީމަ އެއްވެސް ބަޔަކު އަތެއް ނުލާނެއޭ ހީކުރީ. އެއީ އެހާ ސާފުކޮށް އޮތް ކަމެއް ވީމަ. އެތާ ތިބެގެން އަޅުގަނޑުމެން ވަރަށް ރީތިކޮށް، ރައްޔިތުންނަށް ކަންތައްތަކެއް ސާބިތުކޮށްދީ ޕޮޒިޓިވް ކަންތައްތަކެއް ކުރަން ނިންމައިގެން ތިބީ. މަޖިލީހުގެ އިދާރާގައި ތިބެވުނު ނަމަ ކަންކަން ކުރަން އަޅުގަނޑުމެންގެ ވަރަށް ސަޅި ޕްލޭންސް ހުރި،" އޭނާ ފާހަގަކުރެއްވި އެވެ.
މަހުލޫފް ވިދާޅުވީ ލައިވް ކުރިއަށް ގެންދެވި އިރު ވެސް އެތައް ބައިވަރު އިހުސާސްތަކެއް އެއްފަހަރާ ކުރެއްވުނު ކަމަށެވެ. ޕެޕާ ސްޕްރޭގެ އަސަރު ވަރަށް ބޮޑަށް ކޮށް ބައެއް މެމްބަރުން ވަރަށް ހާލުގައި އުޅުނު ގޮތުގެ ހިތްދަތިކަމާއި ފުލުހުން ވަދެގަތުމުގެ ބިރުވެރިކަން ވެސް އޭގެ ތެރޭގައި ހިމެނުނެވެ.
"އަސްލުގައި ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރި ދުވަހެއް އެއީ. ރަޔަޓް ގިޔަރުގައި ފުލުހުން އުޅުނު ގޮތުން ހިތަށް އެރި މި މީހުން ތަޅައި ވަރަށް އަނިޔާ ވެސް ކޮށްލާނޭ. އަސްލު ވަރަށް ބޮޑަށް ބިރުގަތް. އެކަމަކު ވަރަށް އުފާ ވެސް ވި ދުވަހެއް އެއީ. އަދި އެ ދުވަހު އެތާ ތެރޭގެ ހުރިހާ ކަމެއް ދައްކައިދެވުނީމަ ވަރަށް ހިތްހަމަ ވެސް ޖެހުނު،" މަހުލޫފް ވިދާޅުވި އެވެ.
"މަޖިލިސް ތެރެއިން އާއްމުންނަށް ކަމެއް ފެންނާނެ އެހެން އެއްވެސް ގޮތެއް ނޯންނާނެ. އެއްވެސް ޓީވީއަކުން އެ މަންޒަރުތަކެއް ނުދެއްކޭނެ."
އޭނާ އަށް ލިބިވަޑައިގެންނެވި އަނެއް ހިތްހަމަޖެހުމަކީ ލައިވް ވީޑިއޯތަކަށް އާއްމުން ފޮނުވި ކޮމެންޓުތަކުގައި ފާޅުކޮށްފައިވާ ޝުއޫރުތަކެވެ.
"ކޮމެންޓްތަކުގެ 98 ޕަސެންޓް ހުރީ އަޅުގަނޑުމެންނަށް ޕޮޒިޓިވްކޮށް. އެއިން އެ ބުނެދެނީ ވަރަށް ބޮޑު ހަގީގަތެއް،" މަހުލޫފް ވިދާޅުވި އެވެ.