26 ޖުލައި 2017 - 13:48

ވޮޝިންޓަން (ޖުލައި 26) - އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސްއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލް އަށް ޓްރަމްޕް ގެންދަވަނީ ސިލްސިލާކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ސެޝަންސްއާ މެދު ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެންފައިވާ ކަމަށާއި ހިލަރީ ކްލިންޓަން ކުރެއްވި ކުށްތަކަށް ސެޝަންސް އަޅުއްވާފައި ވަނީ ވަރަށް ދެރަވަރު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޓްވީޓް ކުރައްވައިފަ އެވެ.
އެޓާނީ ޖެނެރަލްއާ މެދު ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވީ އެމެރިކާ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޓްރަމްޕުގެ ދިފާއުގައި ސެޝަންސް މަސައްކަތް ނުކުރައްވާތީ އެވެ.
ސެޝަންސް ވިދާޅުވެފައި ވަނީ ޓްރަމްޕުގެ ފަރާތުން ކިތަންމެ ބަހުގެ ހަމަލާތަކެއް ކުރިމަތިވި ނަމަވެސް އިސްތިއުފާ ދެއްވަން ގަސްދު ނުކުރައްވާ ކަމަށެވެ. އެކަމަކު ވައިޓް ހައުސްގެ އާ ކޮމިއުނިކޭޝަން ޑިރެކްޓަރު އެންތަނީ ސްކަރަމުޗީ ވަނީ ސެޝަންސްގެ މަގާމުގެ މުއްދަތު ހަމަވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
ޕްރެސް ސެކްރެޓަރީގެ ނައިބް ސާރާ ހަކަބީ ސޭންޑާސް ވިދާޅުވީ ވައިޓް ހައުސްގެ ވެސްޓް ވިންގަށް މިދިޔަ ހޯމަ ދުވަހު ސެޝަންސް ވަޑައިގެންނެވި ނަމަވެސް ޓްރަމްޕާ ބައްދަލު ކުރައްވާފައި ނުވާ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ މަގާމަށް އަލަބާމާގެ ކުރީގެ ސެނެޓާ ސެޝަންސް ހަމަޖެއްސުނީތީ ހިތާމަ ކުރައްވާ ކަމަށް ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފަ އެވެ. ސެޝަންސް އަށް ފަހު އެޓާނީ ޖެނެރަލްކަން ދެއްވާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ނިއު ޔޯކުގެ ކުރީގެ މޭޔަރު ރޫޑީ ޖިއުލިއާނީ އަދި ޓެކްސަސްގެ ސެނެޓާ ޓެޑް ކްރޫޒް ހިމެނެ އެވެ.