27 ޖުލައި 2017 - 07:02

ޑިޒްނީގެ އެނިމޭޓެޑް ފިލްމު ޓޭންގްލްޑްގައި އުޅޭ ދިގު އިސްތަށިގަނޑުލީ ރެޕަންޒެލްގެ އަސްލެއް ބަލައިލަން ބޭނުންހެއްޔެވެ؟ ރަޝިއާގެ 27 އަހަރުގެ މި އަންހެނާ މަޝްހޫރުވެފައި ވަނީ ރެޕަންޒެލްގެ ގޮތުގަ އެވެ. އޭނާގެ ރަން އިސްތަށިގަނޑު ތަނބިކައްޓާ ހަމައަށް އޮވެ އެވެ.
ޑާރިއާ ގުބަނޯވާ އިސްތަށިގަނޑު ދިގުކުރާތާ 14 އަހަރުވެއްޖެ އެވެ. އެއީ ރީތިކޮށް އިސްތަށިގަނޑު ގަތާލެވޭ ވަރަށް ދިގުކުރުމުގައި ރައްޓެއްސަކު ބުނި ދެރަ ބަހަކަށް ފެށި ކަމެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފައިގެ އިނގިލިތަކާ ހިސާބަށް އިސްތަށިގަނޑު ދިގުކުރުމަކީ ޑާރިއާގެ އަޒުމެވެ. އޭގެ ކުރިން އެންމެ އިސްތައްޓެއް ވެސް އޭނާ ބުރިކޮށެއް ނުލާނެ އެވެ. މިހާރު އޭނާގެ އިސްތަށިގަނޑުގައި އެވްރެޖްކޮށް 1.5 މީޓަރު (ގާތްގަނޑަކަށް ފަސް ފޫޓު) އެބަހުއްޓެވެ.
ޑާރިއާގެ އިސްތަށިގަނޑުގެ ހަގީގަތް ނޭނގޭއިރު އޭނާ އިންސްޓަގްރާމްކުރި ފޮޓޯތަކެއް ބަލާފައި އެތައް ބަޔަކު ވަނީ އެއީ ފޭކެއް ކަމަށް ބުނެފަ އެވެ.
ދިގު އިސްތަށިގަނޑުގެ ވެރިޔާ އިންސްޓަގްރާމްގައި ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 218،000 އަށް އަރާފަ އެވެ. މި އެންމެން ވެސް ޑާރިއާ ގޮތަށް އިސްތަށިގަނޑު ދިގުކުރަން ބޭނުންވެ އެވެ.