26 ޖުލައި 2017 - 12:06

ލަންޑަން (ޖުލައި 26) – ފުޓްބޯޅަ އަށް ވީޑިއޯ އެސިސްޓަންޓް ރެފްރީސް (ވީއޭއާރް) ތައާރަފްކުރަން ތާއީދުކުރާ ކަމަށް 1986 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިނގިރޭސިން ކޮޅަށް އަތުން ގޯލް ޖެހި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ ބުނެފި އެވެ.
މީގެ 31 އަހަރު ކުރިން ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި މަރަޑޯނާ އަތުން ޖަހައި ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ރެފްރީ އާއި ލައިންސްމަން ވެސް ނިންމީ އެއީ ރަނގަޅު ގޯލެއް ކަމަށެވެ. މަރަޑޯނާ ބޮލުން ޖަހައި އެރި ނަމަވެސް އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އެ ބޯޅަ ޕަންޗްކުރުމުގެ ކުރިން މަރަޑޯނާ ވަނީ އަތުން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް އެތެރެކޮށްލައިފަ އެވެ. މަރަޑޯނާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އަތުން ބޯޅައިގައި ޖެހި ކަމަށް ރެފްރީ އަދި ލައިންސްމަނަށް ވެސް ފާހަގަނުވީ އެވެ.
މަރަޑޯނާ ވަނީ ވީޑިއޯ ޓެކްނޮލޮޖީ އެދުވަސްވަރު ބޭނުންކުރި ނަމަ އެ ގޯލް ސައްހަނުވާނެ ކަމަށް އެއްބަސްވެފަ އެވެ.
"ޓެކްނޮލޮޖީ ބޭނުންކުރުމަށް އަހަރެންގެ ސަޕޯޓް އޮތްކަން ހާމަކުރާ ކޮންމެ ފަހަރަކު އެ ގޯލުގެ މަތިން ހަނދާންވޭ. ޔަގީން އެ ގޯލް ގަބޫލެއް ނުކުރާނެކަން އޭރު ޓެކްނޮލޮޖީ ބޭނުންކުރި ނަމަ،" އެ ފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރި އިރު އެންމެ ބޮޑު ހިއްސާއެއްވި މަރަޑޯނާ ބުންޏެވެ.
މަރަޑޯނާ ވަނީ ޓެކްނޮލޮޖީ ނެތުމުގެ ފައިދާ އޭނާ އަށް 1990 ގެ ވޯލްޑް ކަޕުގައި ކުރިކަމަށް ވެސް އެއްބަސްވެފަ އެވެ.
"އަހަރެން އެހެން ވާހަކައެއް ވެސް ކިޔައިދީފާނަން. 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އަހަރެން އަތް ބޭނުންކޮށްގެން ގޯލް ރޮނގުން ބޯޅައެއް ސަލާމަތްކުރިން ސޯވިއެޓް ޔޫނިއަން މެޗުގައި. އަހަރެންގެ ނަސީބު ރަނގަޅުވީ ރެފްރީއަށް އެ މަންޒަރު ނުފެނުމުން. އެދުވަސްވަރު ޓެކްނޮލޮޖީ ބޭނުމެއް ނުކުރެވޭ. އެކަމަކު މިއަދު އެއީ ތަފާތު ވާހަކައެއް،" މަރަޑޯނާ ބުންޏެވެ.
އޭނާ ބުނީ ވީޑިއޯ ޓެކްނޮލޮޖީ ހުރި ނަމަ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި އިންގްލެންޑުގެ ޖެއޯފް ހާސްޓް ޖެހި ގޯލް ވެސް ގަބޫލުނުކުރާނެ ކަމަށެވެ.
"އިންގްލެންޑުން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ގޯލް ރޮނގު ހުރަސް ނުކުރާ ބޯޅައެއް ގޯލަކަށް ވުމުން،" މަރަޑޯނާ ބުންޏެވެ. "ޓެކްނޮލޮޖީ ބޭނުންކުރި ނަމަ ވޯލްޑް ކަޕުގެ ތާރީހު ބަދަލުވާނެ ފަދަ އެތައް ކަމެއް ވަނީ ހިނގައިފައި. މިއީ އެކަންކަން ބަދަލުކުރަންވީ ވަގުތު."
ދުނިޔޭގެ ބޮޑެތި މުބާރާތްތަކުގައި މިހާރު އަންނަނީ ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރަމުންނެވެ. މިއީ ގޯލް ރޮނގު ހުރަސްކޮށް ބޯޅަ ވަންތޯ ނުވަތަ ނޫންތޯ ބަލައިދޭ ސިސްޓަމެކެވެ. ފީފާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ ސިސްޓަމް ބޭނުންކުރާނެ އެވެ. މިހާރު އަންނަނީ އެ ސިސްޓަމްތައް ޓެސްޓްކުރަމުންނެވެ. މި ސިސްޓަމް މެދުވެރިކޮށް ރެފްރީ އަށް ބައެއް ނިންމުންތައް ނިންމުމުގައި ރީޕްލޭ ބެލޭނެ އެވެ.