27 ޖުލައި 2017 - 06:59

މެލްބަން އިން އިންޑިއާ އަށް ދަތުރުކުރި މަތިންދާބޯޓެއްގެ ތެރޭގައި، ކޮމެޑީގެ ރަސްގެފާނު ކަޕިލް ޝަރުމާ އާއި އޭނާގެ ޝޯ "ދަ ކަޕިލް ޝަރުމާ" ޝޯގެ މުހިއްމު ބައިވެރިޔެއް ކަމަށްވާ ސުނިލް ގްރޯވަރާ ދެމެދު ވަރަށް ވަރުގަދަ އަރާރުމެއް ހިނގައި ކަޕިލް ރުޅިއައިސްގެން ސުނިލްގެ ގައިގައި ޖެހި ކަމަށް ތަންކޮޅެއް ކުރިން މީޑިއާގައި ރިޕޯޓު ކޮށްފައިވެ އެވެ.
މި ހާދިސާއަށް ފަހު ކަޕިލް ޝޯގެ ވަރަށް ގިނަ ބައިވެރިން ވަނީ ޝޯ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ސުނިލް އާއި ނާނީގެ ރޯލު ކުޅޭ އަލީ އަސްގަރް އަދި ޓީޗަރުގެ ރޯލު އަދާކުރާ ސުގަންދާ މިޝްރާ ހިމެނެ އެވެ.
ކަޕިލްގެ ޝޯއަކީ ޓީމު ވޯކަކަށް ވާތީ އެއްބަޔަކު މަދުވުމުން އެ އުނިކަން ޝޯއިން ފެންނަން ފެށުމާއެކު ޝޯގެ ޓީއާރުޕީ ވެއްޓެން ފެށި އެވެ. ނަމަވެސް ޝޯ އުފައްދާ ފަރާތުގެ މަސައްކަތުން ކަޕިލްގެ މަސައްކަތުން ޓީއާރުޕީ ރަނގަޅުކޮށް އިންޑިއާގައި އެންމެ ގިނަ ބަޔަކު ބަލާ 10 ޝޯގެ ތެރޭގައި ވަނީ ހިމެނިފަ އެވެ.
ނަމަވެސް ޝޯއަށާއި އެކުވެރިންނަށް ދިމާވި މައްސަލަތަކާ ދެރަވެ އެކަމާ ދޭތެރޭ މާބޮޑަށް ފިކުރު ކުރަން ފެށުމުން ކަޕިލް އަށް ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށީ އެވެ. ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ ބައިވެރިވާން އޮތް ޝޫޓިން އެންމެ ފަހު ވަގުތު ކެންސަލް ކޮށްލަން ޖެހުނީ ވެސް ކަޕިލް އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދަން ޖެހުމުގެ ސަަބަބުންނެވެ. އޭގެ ފަހުން އަނިލް ކަޕޫރާއި އަރްޖުން ކަޕޫރު އަދި "މުބާރަކަން"ގެ ޓީމު ޝޫޓްކުރަން ހަމަޖެހިފައިވާ އެޕިސޯޑް ވެސް ވަނީ ކަޕިލްގެ ބަލި ހާލު ހުރި ގޮތުން ކެންސަލް ކޮށްފަ އެވެ. އަދި މިފަދަ ކަންތައްތައް ދިމާވަމުން ދާތީ ޝޯގެ ޓީއާރުޕީ އަނެއްކާވެސް ދަށްވެ ސޮނީން ކަޕިލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކުރަން ވިސްނަމުންދާ ކަމަށް ޚަބަރު ލިބެ އެވެ. އަދި އެއާއެކު އެ ޗެނަލުން ވަނީ ކޮމެޑީގެ ދުނިޔޭގައި ކަޕިލްގެ އެންމެ ބޮޑު ވާދަވެރިޔާ ކްރިޝްނާ އަބީޝެކްގެ ޝޯއެއް "ދަ ޑްރާމާ ކޮމްޕެނީ" ލޯންޗުކޮށްފަ އެވެ.
ކަޕިލް އަށް ދިމާވަމުންދާ ބަދުނަސީބު ގޮތްތަކުގެ ފައިދާ އެންމެ ބޮޑަށް ނަގަމުންދަނީ މިހާރު އޭނާގެ ވާދަވެރިޔަކަށް ވެފައިވާ ސުނިލް ގްރޯވަރެވެ. ކަޕިލްގެ ޝޯގައި ޑރ. މައްޝޫރު ގުލާޓީ އާއި ރިންކޫ ބާބީގެ ރޯލު އަދާކޮށްފައިވާ ސުނިލް ވަނީ އޭނާ އެޕިސޯޑެއް ކުޅެދޭ އަގު ވަރަށް ބޮޑުތަން ބޮޑުކޮށްފަ އެވެ. ކުރިން އޭނާ ކޮންމެ އެޕިސޯޑަކަށް 7-8 ލައްކަ ރުޕީސް ނެގި ނަމަވެސް މިހާރު އޭނާ ޝޯއެއްގައި ބައިވެރިކުރާ ނަމަ އެޕިސޯޑަކަށް 13-14 ލައްކަ ދޭން ޖެހޭނެ އެވެ.
ސުނިލް ފީ ބޮޑުކުރިއިރު ކަޕިލް އަށް ޖެހިފައި ވަނީ އެޕިސޯޑަކަށް ނަގާ އަގު ކުޑަ ކުރާށެވެ. އިންޑަސްޓްރީ ޚަބަރުތައް ބުނާ ގޮތުން މިހާރު ކަޕިލްގެ ޝޯ ކުރިޔަށް ގެންދަނީ އޭނާ ކުރިން ނަގާ ފީން ބޮޑު ބައެއް ކަނޑާލަން އެއްބަސް ވެގެންނެވެ.
ކަޕިލްގެ ޝޯ އަޑިއަޅަމުންދާތީ އަންހެން ކޮމޭޑިއަން ބާރަތީ ސިންގް ވެސް މި ޝޯގައި ބައިވެރި ކުރި އެވެ. ނަމަވެސް ބާރަތީ އައުމަކުން ވެސް ޝޯ އަލުން ނެގެހެއްޓޭ ގޮތެއް ނުވި އެވެ.
ގިނަ އެކުވެރިންތަކެއްގެ ވަކިވެ ދިއުމާއި ޝޯގެ ވެއްޓުމުގެ ސަަބަބުން ކަޕިލްގެ ބަލި ހާލަތު އިތުރަށް ގޯސްވަމުން ދާކަމަށް ޚަބަރުތައް ބުނެ އެވެ. ދާދިފަހުން އޭނާގެ ކޮއްކޮ މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަޕިލް އަކީ ހަކުރުބައްޔާއި ލޭ މައްޗަށްދާ ބަލި ވެސް ހުންނަ މީހެކެވެ. އެހެންކަމުން އޭނާގެ ޝޯގެ ޓީއާރުޕީ ވެއްޓޭތީ އެކަމާ ދެރަވެ ސްޓްރެސް ވުމުގެ ސަބަބުން ކަޕިލް އަށް ވަނީ ޑިޕްރެޝަންގެ މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ.