26 ޖުލައި 2017 - 11:37

މެޑްރިޑް (ޖުލައި 26) – ރެއާލް މެޑްރިޑާ އެކު މިދިޔަ ސީޒަނުގައި ހޯދި ކާމިޔާބީތައް މި ސީޒަނުގައި ތަކުރާރުކުރަން ބޭނުންވާ ކަމަށް ބުނެ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ކްރިސްޓިއާނޯ ރޮނާލްޑޯ ދީފި އެވެ.
ޓެކްސް އަށް މަކަރު ހެދި ކަމުގެ ދައުވާ ރޮނާލްޑޯގެ މައްޗަށް ސްޕެއިނުގެ ޕްރޮސެކިއުޓަރުން ޖޫން މަހު އުފުލާ އެކު އޭނާ ސްޕެއިން ދޫކޮށްލަން ނިންމި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ ނިންމުން ބަދަލުނުވާނެ ކަމާއި އެކަން ރެއާލް މެޑްރިޑަށް ވެސް އޭނާ އަންގާފައިވާ ކަމަށް އޭރު ވާހަކަދެކެވުނެވެ. އެކަމަކު ފަހުން އެ ވާހަކަތަކުގެ އަޑު މަޑުވި އެވެ.
"އަހަރެންގެ ކްލަބާ އެކު މިދިޔަ ސީޒަނުގައި މުހިއްމު މުބާރާތްތަކެއް ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއް. އިންޑިވިޖުއަލް ޓްރޮފީތަކާ އެކު، އަދި އެއް ފަހަރު އެކަން ތަކުރާރުކުރަން ބޭނުން،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ފުޓްބޯޅަ އަކީ އޭނާގެ ދިރިއުޅުން ކަމަށާއި ފުޓްބޯޅައާ މެދު ހިތުގައި އޮތީ ވަރަށް ހާއްސަ ލޯތްބެއް ކަމަށެވެ. އެހެންވެ އެކަމުން ކާމިޔާބު ހޯދަން ކޮންމެ އަހަރަކު ވެސް ބުރަކޮށް މަސައްކަތްކުރަން ޖެހޭ ކަމަށާއި އެކަން މި ފަހަރު ވެސް ތަކުރާރުކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ބެލެވޭ ގޮތުގައި އަންނަ ސީޒަނުގައި ރޮނާލްޑޯއާ އެކު މެޑްރިޑުގެ ފޯވާޑް ލައިނުގައި ކުޅޭނީ ފްރާންސް ފޯވާޑް ކީލިއަން އެމްޕާބޭ އެވެ. އުމުރުން 18 އަހަރުގެ ފޯވާޑް 180 މިލިއަން ޔޫރޯ އަށް ގަތުމަށް މެޑްރިޑުން މޮނާކޯއާ އެކު އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.