26 ޖުލައި 2017 - 12:00

ޔުނައިޓެޑް ނޭޝަންސް (ޖުލައި 26) - އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިޒްރޭލުން އުފެއްދި ހަމަނުޖެހުންތައް މިހާރު އޮތީ ބޮޑު ނުރައްކަލަކަށް ބަދަލުވުމުގެ މަގުމަތީގައި ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.
ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އަގްސާ މިސްކިތް ސަލާމަތް ކުރުމަށް މެންބަރު ގައުމުތަކުން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އިރުމަތީ ގުދުސްގައި އިޒްރޭލުން ހިންގާ އަމަލުތަކުގެ ސަބަބުން ދީނީ ބޮޑު މައްސަލަ ގަނޑެއްގެ ހުޅުފަޅައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފަ އެވެ.
އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި މީގެ ދިހަ ވަރަކަށް ދުވަސްކުރިން ހިންގި ބަޑި ޖެހުމުގެ ހާދިސާއަކަށް ފަހު އިޒްރޭލުން ވަނީ މިސްކިތަށް ވަންނަ މީހުން ބަލާ ފާސްކުރުމަށް މެޓަލް ޑިޓެކްޓަރު ހަރުކޮށް އަދި ސެކިއުރިޓީ ކެމެރާ ވެސް ފަހުން ހަރުކޮށްފަ އެވެ. ފަލަސްތީނު މީހުން ދަނީ އިޒްރޭލުން އަޅާ މިފަދަ ފިޔަވަޅުތަކާ ދެކޮޅަށް އިހުތިޖާޖް ކުރަމުންނެވެ.
އަނެއްކޮޅުން ފަލަސްތީނުގެ މުސްލިމު ލީޑަރުން ދަނީ އިޒްރޭލާ ދެކޮޅަށް އިހުތިޖާޖް ވަރުގަދަ ކުރުމަށް ގޮވާލަމުންނެވެ. މެޓަލް ޑިޓެކްޓަރު ނަގަން އިޒްރޭލުން ނިންމި ނަމަވެސް ފަލަސްތީނުގެ އޮފިޝަލުން ވަނީ މިސްކިތުގައި ނަމާދު ކުރުމުގެ ބަދަލުގައި މަގުތަކުގައި ނަމާދު ކުރުމަށް ގޮވާލައިފަ އެވެ.
އަގްސާ މިސްކިތުގެ ޑިރެކްޓަރު ޝެއިޚް ނާޖިހު ބާކިރަތު ވިދާޅުވީ މުސްލިމުންގެ ޑިމާންޑްތައް އިޒްރޭލުން އަދިވެސް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.