ކުޓީނިއޯ ގެނައުމުގެ މަސައްކަތުގައި ބާސާ ދުލެއް ނުދޭ
ކުޓީނިއޯ ގެނައުމުގެ މަސައްކަތުގައި ބާސާ ދުލެއް ނުދޭ

ބާސެލޯނާ (ޖުލައި 26) – ލިވަޕޫލުގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ގަތުމަށް ބާސެލޯނާ އިން ހުށަހެޅި 80 މިލިއަން ޔޫރޯގެ ބިޑް އެ ކްލަބުން ގަބޫލުނުކުރުމުން އާ ބިޑެއް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކުޓީނިއޯގެ ހޯދަން ބާސެލޯނާ އިން ކުރާ މަސައްކަތް އިތުރަށް ފުޅާކުރީ އެ ޓީމުގައި ނޭމާ މަޑުކުރުވުމުގެ ބޭނުމާ އެކު ވެސް މެ އެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވާން ނޭމާ އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ބާސެލޯނާ އިން ކުޓީނިއޯ ގެންނާނެ ކަމަށް ނޭމާ ގާތު ވައުދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އިން ބޭނުންވަނީ ކުޓީނިއޯ އަށް ވަރަށް ބޮޑަށް މެދުތެރޭގެ އޮޕަރޭޓިން މިޑްފީލްޑަރެއްގެ ރޯލު ދޭށެވެ. އެއީ އަންދްރޭ އިނިއެސްޓާ މިހާރު ކުޅެމުން އަންނަ މަގާމެވެ. ލިވަޕޫލުގައި ކުޓީނިއޯ ކުޅެނީ ވަރަށް ބޮޑަށް އެޓޭކިން ރޯލެކެވެ. އުމުރުން 33 އަހަރުގެ އިނިއެސްޓާ އަށް އަންނަ ސީޒަނުގައި މާގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ނުބެލެވެ އެވެ.

ކުޓީނިއޯ އަކީ ބާސެލޯނާގެ ސްޓައިލާ ވަރަށް ގުޅޭނެ ކުޅުންތެރިއެއް ކަމަށް ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ވަނީ ބުނެފަ އެވެ. އެކަމަކު ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެ ކްލަބުގެ ތަރިން ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ އިން ބުނާ ގޮތުގައި ބާސެލޯނާ އިން މިވަގުތު އެންމެ އިސްކަމެއް ދެނީ ކުޓީނިއޯ އާއި ޗައިނާގެ ގުއަންޒޫ އެވަގްރޭންޑަށް ކުޅެމުން އަންނަ ޕައުލީނިއޯ ގެނައުމަށެވެ. އެ ޓީމުން އިންޓަގެ ފްރާންސް މިޑްފީލްޑަރު ޖެފްރީ ކޮންޑޮގްބިއާ އަށް ވެސް ޝައުގުވެރިވެ އެވެ.