އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއް ދީފާނެކަމުގެ އިންޒާރުދީފި
އެމެރިކާ އަށް ނިއުކްލިއާ ހަމަލާއެއް ދީފާނެކަމުގެ އިންޒާރުދީފި

ޕިއޮންޔޮން (ޖުލައި 26) - ނޯތު ކޮރެއާގެ ސުޕްރީމް ލީޑަރުގެ މަގާމުން ކިމް ޖޮން އުން ވަކިކުރަން އެމެރިކާ އިން އުޅޭ ނަމަ އެ ގައުމަށް ވަރުގަދަ ނިއުކްލިއާ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ނޯތު ކޮރެއާ އިން ދީފި އެވެ.

ނޯތު ކޮރެއާ އިން މި އިންޒާރު ދީފައި ވަނީ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ޕޮމްޕިއޯ ވިދާޅުވީ ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރުގެ ނުރައްކަލުން ކިމް ޖޮން އުން ދުރުކުރުމުގެ މަގެއް ހޯދަން އެމެރިކާ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"ނޯތު ކޮރެއާގެ ނިއުކްލިއާ ސިސްޓަމާއި އެ ގައުމުގެ މިހާރުގެ ވެރިން ދުރު ކުރުމުގެ މަގެއް ހޯދޭނެކަމުގެ އުއްމީދު ބޮޑު. ނޯތު ކޮރެއާގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު ބައެއް. ކިމް ދުރުކުރާނެ ގޮތެއް އެ މީހުން ހޯދާނެ،" ޕޮމްޕިއާ ވިދާޅުވި އެވެ.

ނޯތު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމަނަކާ ހަވާލާދީ ރަސްމީ ނޫސް އެޖެންސީން ބުނީ އެ ގައުމުގެ ސުޕްރީމް ލީޑަރާ ކުޅެން އުޅޭ ކޮންމެ ގައުމަކާ ދެކޮޅަށް ނޯތު ކޮރެއާގައި ހުރި ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ނިއުކްލިއާ ހަމަލާ ދިނުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކިމް ޖޮން އުން ވަކިކުރުމަށް އެމެރިކާ އިން ކުޑަ ނަމަވެސް މަސައްކަތެއް ކޮށްފި ނަމަ ނޯތު ކޮރެއާގެ ބާރުގަދަ ނިއުކްލިއާ ހަމަލާ އެއްވެސް ރަހުމެއް ނެތި އެމެރިކާ އަށް އަމާޒު ކުރާނަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި އެވެ.

ނޯތު ކޮރެއާ އިން މި އިންޒާރު ދިން އިރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން ދަނީ ނޯތު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޕްރޮގްރާމް ކުރިއަށް ޖައްސާފައިވާ މިންވަރު ވަޒަން ކުރަމުންނެވެ.

ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފަ އެވެ. އަަދި އެއީ އެމެރިކާ އަށް ހަމަލާދެވޭ ވަރުގެ ގާބިލްކަން ހުރި މިސައިލެއް ކަމަށް ބުނެފައިވެ އެވެ.