ދަރިފަނި މަދުވެ އާބާދީއަށް ނޭދެވޭ އަސަރުކޮށްފާނެ
ދަރިފަނި މަދުވެ އާބާދީއަށް ނޭދެވޭ އަސަރުކޮށްފާނެ

ސްޕާމް ކައުންޓް ދަށްވުން ނުވަތަ ފިރިހެނުންގެ ދަރިފަނީގެ އަދަދު މަދުވުމުގެ މައްސަލަ ބޮޑުވަމުން އަންނަ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު އާބާދީއަށް ކޮށްފާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ބީބީސީގެ މި ރިޕޯޓު ބުނާ ގޮތުން ސައިންސްވެރިން މިހާރު އަންނަނީ 200 އަށް ވުރެ ގިނަ ދިރާސާގެ ނަތީޖާ ވަޒަންކުރަމުންނެވެ. މި ނަތީޖާ ދައްކަނީ އެ ދިރާސާއަށް ނަގާފައިވާ ނޯތު އެމެރިކާ އާއި ޔޫރަޕް، އޮސްޓްރޭލިއާ އަދި ނިއު ޒީލެންޑްގެ ފިރިހެނުންގެ ސްޕާމް ކައުންޓް ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ދެބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށެވެ.

ހިއުމަން ރިޕްރޮޑަކްޝަން އަޕްޑޭޓްގެ މި ހޯދުންތަކާ ބައެއް ތަޖުރިބާކާރުން އެއްބަހެއް ނުވެ އެވެ.

ނަމަވެސް މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ހަގައި ލެވީން ވިދާޅުވީ މި ނަތީޖާ ދެއްކި ގޮތުން މުސްތަގުބަލުގައި ވެދާނެ ގޮތަކާ މެދު އޭނާ "ވަރަށް ކަންބޮޑުވާ" ކަމަށެވެ.

މި އެސެސްމަންޓަކީ މިހާތަނަށް ދުނިޔޭގައި ކޮށްފައިވާ މިފަދަ އެންމެ ބޮޑު އެއް ދިރާސާ އެވެ. މިއީ 1973 އިން ފެށިގެން 2011 އާ ދެމެދު ކޮށްފައިވާ 185 ދިރާސާއެއްގެ ނަތީޖާތަކަށް ބަލައިގެން ހަދާފައިވާ އެސެސްމަންޓެކެވެ.

އެޕިޑިއޮމޮލޮޖިސްޓެއް ކަމަށްވާ ޑރ. ލެވީން ބީބީސީ އަށް ވިދާޅުވި ގޮތުގައި މި ޓްރެންޑް މިގޮތަށް ކުރިޔަށްދާ ނަަމަ އިންސާނުންގެ ދަރިފަސްކޮޅު ދުނިޔޭން ހުސްވެދާނެ ކަމަށެވެ.

"އަހަރެމެން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް ނުގެނެސްފި ނަމަ އަދި ތިމާވެއްޓަށް އެކަށީގެންވާ ބަދަލެއް ނާންނަ ނަމަ އަދި އިންސާނުންގެ ހަށިގަނޑަށް މިހާރު ހުށަހެޅެމުންދާ ގިނަ ކެމިކަލްތައް ނުހުއްޓޭ ނަމަ މުސްތަގުބަލުގައި ވެދާނެ ގޮތަކާ މެދު ވަރަށް ކަންބޮޑުވޭ،" ޑރ. ލެވީން ވިދާޅުވި އެވެ.

މި ދިރާސާގައި އެއްވެސް ގޮތަކަށް ޝާމިލުނުވާ ސައިންސްވެރިން ވަނީ މި ރިސާޗްގެ ކޮލިޓީއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް ގިނަ ބަޔަކު ބުނަނީ ކަނޑައެޅިގެން މިކަން މިގޮތަށް ވާނެކަން ނިންމަން އަދި މާ އަވަސް ކަމަށެވެ.

ހީބްރޫ ޔުނިވަސިޓީ އޮފް ޖެރޫސަލަމްގެ ޑރ. ލެވީންގެ ހޯދުންތަކުން ދައްކާ ގޮތުން ސްޕާމް ކޮންސެންޓްރޭޝަންގެ 52.4 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އަދި ނޯތު އެމެރިކާ، ޔޫރަޕް، އޮސްޓްރޭލިޔާ އަދި ނިއު ޒިލެންޑްގެ ފިރިހެނުންގެ ޓޯޓަލް ސްޕާމް ކައުންޓް ވަނީ 59.3 ޕަސެންޓް ދަށްވެފަ އެވެ.

މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި މި ގައުމުތަކުގައި ދިރިއުޅޭ މީހުންގެ މި ހާލަތު އަދިވެސް ދަނީ ދުވަހެއް ދުވަހަކަށް ދަށަށެވެ.

ކުރިން ބުނި ގައުމުތަކުގެ މީހުންނަށް މިކަން މިގޮތަށް ދިމާވިޔަސް ސައުތު އެމެރިކާ އާއި އޭޝިއާ އަދި އެފްރިކާގެ ގައުމުތަކުގެ ފިރިހެނުންގެ މިފަދަ މައްސަލައެއް ހުރި ކަމަކަށް އެއްވެސް ދިރާސާއަކުން އަދި ފާހަގަ ކުރެވިފައެއް ނުވެ އެވެ. ސަަބަބަކީ މި ބައްރުތަކުގައި މިފަދަ ދިރާސާތައް ހެދިފައި ހުރިލެއް މަދުކަމުން ކަމަށް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ލަފާކުރެ އެވެ. ނަމަވެސް އެންމެ ފަހުން މި ބައްރުތަކުގެ މީހުންގެ ސްޕާމް ކައުންޓް ވެސް ދަށްވެދާނެތީ ޑރ. ލެވީން ކަންބޮޑުވެ ވަޑައިގަނެ އެވެ.

މީގެ ކުރިން ކޮށްފައިވާ ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް މި މައްސަލަ މިގޮތަށް ނުކުންނަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް މި ދިރާސާތަކުގައި ވެސް ބައެއް ކަހަލަ މައްސަލަތައް އެބަހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

ސަބަބަކީ މީގެ ތެރެއިން ބައެއް ދިރާސާތަކުގައި ބައިވެރިކުރީ ނިސްބަތުން މަދު ފިރިހެނުންނަށް ވުމެވެ. ނޫނީ ދިރާސާތަކުގައި ބައިވެރިކޮށްފައި ވަނީ ފާޓިލިޓީ ކްލިނިކްތަކުން ފަރުވާ ހޯދި ފިރިހެނުންނަށް ވުމެވެ. އަދި މިފަދަ މީހުންނަކީ އާއްމުކޮށް ސްޕާމް ކައުންޓް ދަށް މީހުންނަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ފަހަރެއްގައި ސައިންޓިފިކް ޖާނަލްތަކުގައި ޝާއިއުކުރަނީ މިގޮތަށް ސްޕާމް ކައުންޓް ދަށްވާ ކަމުގެ ރިޕޯޓުތައް އެކަނި ކަމަށް ވުމީ ވެސް ވެދާނެ ކަމެއް ކަމަށް ވެއެވެ. އަނެެއް އުނދަގުލަކީ ކުރިން ސްޕާމް ކައުންޓްކުރަން ގެންގުޅެފައިވާ މެތަޑްތަކުގެ ސަބަބުން އެކަށީގެންވާ ގޮތަކަށް ނުގުނި ނަތީޖާ ސައްހަ ނުވެދާނެތީ އެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ސްޕާމް ކައުންޓް ދަށްވަމުންދާ ކަމަކަށް ކަނޑައެޅިގެން ބުނުމަކީ އެކަށީގެންވާ ކަމަކަށް ނުވެދާނެ އެވެ.

ނަމަވެސް މިފަހަރުގެ ދިރާސާތައް ހެދި ސައިންސްވެރިންގެ ހޯދުންތަކާ އެއްބަސްވާ ވަރަށް ގިނަ ސައިންސްވެރިން އެބަތިއްބެވެ. ޝެފީލްޑް ޔުނިވަސިޓީގެ ޕްރޮފެސަރު އެލަން ޕެސީ އަކީ މިފަދަ ސައިންސްވެރިއެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ހަދާފައިވާ މީގެ ދިރާސާތަކުން އޭނާއަށް ވެސް އެކަން އެހެންވާ ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ނަމަވެސް ޑރ. ލެވީންގެ ޓީމުން މިފަހަރު ހެދި ދިރާސާގެ ނަތީޖާ އޭނާއަށް ގަބޫލު ކުރެވެ އެވެ.

އެކަމަކު ޕްރޮފެސަރު ޕޭސީ ގަބޫލުކުރައްވާ ގޮތުގައި ފަހުގެ ދިރާސާތަކުގައި ކުށެއް އިނުމުގެ ފުރުސަތު ކުޑަ ނަމަވެސް އެއީ ފަހަރެއްގައި ހަމަ ވެދާނެ ވެސް ގޮތެކެވެ. އެހެންވެ މި ނަތީޖާ އާ މެދު ފަރުވާތެރިކަމުގެ ނަޒަރަކުން ބަލަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.

"މިކަމާ ގުޅޭ ބަހުސްތައް އަދި ނުނިމޭ. އަދިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރަން ވެފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މިގޮތަށް ފިރިހެނުންގެ ސްޕާމް ކައުންޓް ދަށްވާން މެދުވެރިވާ ސަަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ފަލަބަލި ހިމެނެ އެވެ. އަދި ޕެސްޓިސައިޑްސް އާއި ޕްލާސްޓިކް ކެމިކަލްސް އަށް ހަށިގަނޑު ހުށަހެޅޭ މިންވަރާއި ސްޓްރެސް އަދި ކެއުމުގެ އާދަ ގެންގުޅޭ ގޮތަކީ ވެސް މިކަން މިގޮތަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.