މޮރާޓާ އަށް ޕްރެޝަރު ނުކުރޭ: ކޮންޓޭ
މޮރާޓާ އަށް ޕްރެޝަރު ނުކުރޭ: ކޮންޓޭ

ލަންޑަން (ޖުލައި 27) - ޗެލްސީ އަށް ދާދި ފަހުން ބަދަލުވި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އަށް މީޑިއާ އިން ޕްރެޝަރު ނުކުރުމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެދިއްޖެ އެވެ.

ރެކޯޑް އަގަކަށް ޗެލްސީ އަށް ބަދަލުވުމަށް ފަހު މޮރާޓާ ވަނީ ޕްރީ ސީޒަންގައި ބަޔާން މިއުނިކް އަތުން 3-2 އިން ޗެލްސީ ބަލިވި މެޗުގެ ދެ ވަނަ ހާފްގައި ކުޅެފަ އެވެ. މެޗަށް ފަހު ކޮންޓޭ ބުނީ މޮރާޓާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.

"ސްޕެއިނާއި އިޓަލީގައި ކުޅެފައި ހުއްޓަސް އާ ކްލަބަކަށް އައިސް ހޭނެއް ކޮންމެ ކުޅުންތެރިއަކަށް ވެސް ވަގުތު ބޭނުންވާނެ. ހަމަ އެގޮތަށް މޮރާޓާ އަށް ވެސް ވަގުތު ބޭނުންވާނެ. އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެބައޮތް. އެއީ މޮރާޓާ އަށް ޕްރެޝަރު ނުކުރުން،" ކޮންޓޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ޑިއޭގޯ ކޮސްޓާ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޗެލްސީން ކޮސްޓާ ވިއްކާލާނެކަން ވަނީ ޔަގީންވެފަ އެވެ. ކޮސްޓާ ނެތްތަން ފޫބައްދާނީ މޮރާޓާގެ އިތުރުން ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާއީ އެވެ.

ޗެލްސީގެ މިޑްފީލްޑަރު ސެސް ފަބްރެގަސް ބުނީ ކޮސްޓާ ނެތްތަން ކޮންމެވެސް ވަރަކަށް ދައްކާނެ ކަމަށާއި އެތަން ފޫބެއްދުމަށް މޮރާޓާ އާއި ބަޓްޝުއާއީ ބޮލުގައި އެޅިފައިވަނީ ބޮޑު ޒިންމާއެއް ކަމަށެވެ.

"ކޮސްޓާ އަކީ ތަޖުރިބާކާރު ފޯވާޑެއް. އޭނާ ލައިގެން ޗެލްސީން ވަނީ ދެ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި. އޭނާ ނެތްތަން ފޫބައްދަން މި ތިބީ ޒުވާން ދެ ފޯވާޑުން. މި ދެ ކުޅުންތެރިންގެ މަސައްކަތް މީގެ އޮތީ. އެއީ ޕްރިމިއާ ލީގަކީ ފަސޭހަ ލީގެއް ނޫން،" ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ފަބްރެގަސް ބުންޏެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮރާޓާގެ އިތުރުން މަލާގާ އާއި ސިޓީގެ ކުރީގެ ކީޕަރު ވިލީ ކަބަލޭރޯ، ރޯމާގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އަދި މޮނާކޯގެ މިޑްފީލްޑަރު ޓިއެމް ބަކަޔޯކޯ ގެނެސްފަ އެވެ.