"މުންނާ މައިކަލް" ފްލޮޕްވުމުން ޓައިގާގެ ކެރިއަރަށް ގެއްލުން ވާނެތަ؟
"މުންނާ މައިކަލް" ފްލޮޕްވުމުން ޓައިގާގެ ކެރިއަރަށް ގެއްލުން ވާނެތަ؟

ޓައިގާ ޝްރޮފްގެ "މުންނާ މައިކަލް" އަކީ މިއަހަރު ނުކުންނާނެ ބަލާލަން އެންމެ ހިތްހަމަޖެހޭ އެއް ފިލްމަށް ވެދާނެ އެވެ. ނަމަވެސް ބޮކްސް އޮފީހުގައި ފިލްމު ވަނީ ފެއިލް ވެފަ އެވެ. ފިލްމު ރިލީޒްވުމަށް ފަހު ހަފުތާ ބަންދު ނިމުނުއިރު އެކަށީގެންވާ ކާމިޔާބީއެއް ނުލިބެ އެވެ. މިއީ ޓައިގާގެ "އަ ފްލައިން ޖެޓް" އާއި "ބާޣީ" އަށް ވުރެ ވެސް މަދުން ލިބުނު ފިލްމެކެވެ.

ޓައިގާ މިހާތަނަށް ކުޅެފައިވަނީ ހަތަރު ފިލްމެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމު "ހީރޯޕަންތީ" ފުދޭ ވަރަކަށް ހިނގި އެވެ. ދެ ވަނަ ފިލްމު "ބާޣީ" އަކީ ހިޓެކެވެ. ނަމަވެސް ފަހުން ކުޅުނު "އަ ފްލައިން ޖެޓް" ވީ ފްލޮޕެވެ. އަދި "މުންނާ މައިކަލް" ވެސް ފްލޮޕް ވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަަގީން ވެފަ އެވެ. ހަތަރު ދުވަސް ތެރޭ މި ފިލްމަށް ލިބިފައި ވަނީ 24.92 ކްރޯޑު (2.5 ބިލިއަން ރުޕީސް) އެވެ.

ޖައްސަޖައްސައިގެން ދެ ފިލްމު ފްލޮޕް ވުމުން ޓައިގާގެ ފިލްމީ ކެރިއަރަށް ވާނެ ގޮތަކާ މެދު މިހާރު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ކްރިޓިކްސް އާއި ފިލްމު ބަލާ މީހުންނަށް ވެސް "މުންނާ މައިކަލް" ކަމަކު ނުދިޔަ އެވެ.

ޓްރޭޑް އެނަލިސްޓް އަކްޝޭ ރާތީ ބުނި ގޮތުގައި ފަހު ދެ ފިލްމު ފްލޮޕް ވިޔަސް ޓައިގާގެ ކެރިއަރަށް މާ ބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ އެވެ. ސަބަބަކީ އޭނާގެ ފުރަތަމަ ދެ ފިލްމު ކާމިޔާބު ވެފައި ވާތީ އެވެ. ހިޓްސް އާއި ފްލޮޕްސް އަކީ ކޮންމެ އެކްޓަރެއްގެ ކެރިއަރުގައި ވެސް ކުރިމަތިލާން ޖެހޭނެ ކަންތައްތައް ކަމަށް އޭނާ ބުންޏެވެ.

ޓައިގާގެ މައްސަލައަކީ އޭނާގެ ފިލްމުތަކުގައި އަބަދު އެ ކަންތައްތަކެއް ކުރުމެވެ. އޭނާގެ ތަޅާފޮޅާ މަންޒަރުތައް ވެސް ކޮންމެ ފިލްމެއްގައި ހުންނަނީ އެއްގޮތަކަށެވެ. އަދި ނެށުންތައް ވެސް ހުންނަނީ ދާދި އެއްގޮތަކަށެވެ. އެހެންކަމުން ފިލްމީ މައިދާނުގައި ކުރިޔަށް ދިއުމަށް އާ ކަންތައްތައް ޓައިގާއަށް ކުރަން ޖެހޭނެކަމަަށް ޓްރޭޑް އެނަލިސްޓް ބުންޏެވެ.

ޓައިގާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އާއި ޑައިރެކްޓަރު އަހުމަދު ޚާންގެ "ބާޣީ 2" ހިމެނެ އެވެ. މީގެ ތެރެއިން "ބާޣީ 2"ގައި ޓައިގާ ބަތަލާ އަކީ އޭނާގެ ހަގީގީ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ. އަނެއް ފިލްމަށް އަދިވެސް ބަތަލާއިން ހަމައެއް ނުޖެހެ އެވެ. މި ދެ ފިލްމަކީ ޓައިގާގެ ކެރިއަރަށް ވަރަށް މުހިއްމުވާނެ ދެ ފިލްމެވެ.