ބާސެލޯނާ ކުޅުންތެރިން އެދެނީ ނޭމާ މަޑުކުރަން
ބާސެލޯނާ ކުޅުންތެރިން އެދެނީ ނޭމާ މަޑުކުރަން

ބާސެލޯނާ (ޖުލައި 27) - ޕީއެސްޖީގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ބާސެލޯނާގައި މަޑުކުރުމަށް ނޭމާ ގާތުގައި އެ ޓީމުގެ ގިނަ ކުޅުންތެރިތަކެއް އެދިއްޖެ އެވެ.

ނޭމާ ޕީއެސްޖީ އަށް ބަދަލުވާން އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްކުރެވިފައިވީ ނަމަވެސް ބާސެލޯނާ އިން ވަނީ އޭނާ ނުވިއްކާނެ ކަމަށް ބުނެފަ އެވެ. ޕީއެސްޖީން ވިސްނާފައިވަނީ، މީޑިއާތައް ބުނާ ގޮތުގައި ނޭމާގެ ކޮންޓްރެކްޓްގައި އޭނާ ވިއްކަން ބާސެލޯނާ އިން އެއްބަސްވާ 220 މިލިއަން ޔޫރޯ ދައްކައިގެން އޭނާ ގެންދާށެވެ.

މި ކަމުގައި މިހާތަނަށް ނޭމާ އަދި މީޑިއާގައި ވާހަކަ ދައްކާފައިނުވާއިރު ބާސެލޯނާ ކުޅުންތެރިން އަންނަނީ ނޭމާ ގާތުގައި މަޑުކުރުމަށް އެދެމުންނެވެ. އޭގެ ތެރޭގައި ހަވިއޭ މަޝެރާނޯ އާއި ޖެރާޑް ޕީކޭ އަދި ލުއިސް ސުއަރޭޒް ހިމެނެ އެވެ.

އެގޮތުން ޕީކޭ ވަނީ ނޭމާއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރުމަށް ފަހު ނޭމާ މަޑުކުރާނެ ކަމަށް ލިޔެފަ އެވެ. އެހެން ނަމަވެސް ފަހުން ޕީކޭ ބުނީ އެ ޕޯސްޓުގައި އޭނާ ބަޔާން ކޮށްފައިވަނީ އަމިއްލަ ހިޔާލު ކަމަށެވެ.

"އެއީ އޮފިޝަލް ބަހެއް ނޫން. އެއީ އަހަރެން ބޭނުންވާ ގޮތް. އަހަރެން އެދެނީ ނޭމާ މަޑުކުރަން. އޭނާ އަކީ މި ކްލަބްގެ މުހިއްމު ކުޅުންތެރިއެއް. އެ ޓީމަކަށް ކުޅޭ ކުޅުންތެރިއެއްގެ އިތުރުން ނޭމާ އަކީ އަހަރެންގެ ރައްޓެއްސެއް،" ޕީކޭ ބުންޏެވެ.

މަޝެރާނޯ ބުނީ ބާސެލޯނާގައި މި ވަގުތު ތިބި ކުޅުންތެރިން މަޑުކުރުމަކީ އެ ކްލަބަށް ކާމިޔާބު ހޯދަން ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށެވެ.

"މިއީ ކްލަބަށް ވަފާތެރިވާންވީ ވަގުތު. އަހަރެމެން އެންމެނަށް ވެސް އެނގޭ މިދިޔަ ސީޒަނުގައި އަހަރެމެންގެ ނަތީޖާ ރަނގަޅެއް ނޫންކަން އެކަން ރަނގަޅު ކުރަން ޓީމުގެ މުހިއްމު ކުޅުންތެރިން މަޑުކުރަން ޖެހޭ. އަހަރެންގެ އުއްމީދަކީ ނޭމާ ވެސް މަޑުކުރުން،" މަޝެރާނޯ ބުންޏެވެ.

ޕްރީ ސީޒަންގެ މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ބާސެލޯނާ ވަނީ 2-1 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ. މި މެޗުގައި ބާސެލޯނާގެ ދެ ލަނޑު ވެސް ޖެހީ ނޭމާ އެވެ. މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ ބުނީ ނޭމާ އަކީ އެ ޓީމުގެ ކުޅުންތެރިއެއް ކަމަށާއި އެއްވެސް އަގެއްގައި އޭނާ ނުވިއްކާނެ ކަމަށެވެ.