26 ޖުލައި 2017 - 15:10

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ޕީޕީއެމްގެ ދަފުތަރުގައި އެންމެ ދުވަހެއްގެ ތެރޭގައި ރަޖިސްޓްރީ ރަޖިސްޓްރީ ކުރީ، ޕާޓީ އަށް މީހުން ވަނުމަކީ ފަސޭހަ ކަމެއް ކަމަށް ބުނެ ޕީޕީއެމުން އެކަން ދިފާއުކޮށްފި އެވެ.
އެއް ދުވަސްތެރޭގައި މޫސަ ޕީޕީއެމަށް ވެއްދި އިރު، އެ ޕާޓީން އަމިއްލައަށް ވަކިވި އަދި ޕާޓީން ކުރިން ވަކިވި މެމްބަރުންގެ މައްސަލަ އިސްތިއުނާފްކޮށް، އެ މެމްބަރުން ވަކިނުވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެކަމަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމު ކޯޓުން ހުކުމް ކުރުމާއެކު ޕާޓީން އަލުން ވަނީ "ވަކިކޮށްފަ" އެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ސެކެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ މީހަކު ޕާޓީއަށް ވަންނަން އައުމުން، ފޯމެއްގައި ސޮއިޖަހާލާފައި އިލެކްޝަންސް ކޮމިޝަނަށް ލުމުން އެކަން ނިމޭނެ ކަމަށާއި އެކަމަކު ޕާޓީން މީހަކު ވަކިކުރުމަށް އުފުލަން ޖެހޭ ތަކުލީފު މާ ބޮޑުވާނެ ކަމަށެވެ. އަދި އެ މީހުން ވަކިވެގެން ދިޔައީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައިތޯ ޕާޓީން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ދައުލަތުން ވެސް އަމަލު ކުރަމުން އަންނަ ގޮތް. އަޅުގަނޑުމެންނަށް އެބަފެނޭ ދައުލަތުގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެ ފަރާތަކުން އަމިއްލައަށް އިސްތިއުނާފު ނުކުރިޔަސް ދައުލަތުން އެކަން ކުރާތަން. އެހެންވެ، ޕާޓީން ވެސް ކަށަވަރު ކުރަން ބޭނުންވޭ މެމްބަރުން ވަކި ކުރީ ހަމައާ އުސޫލުތަކުގެ ތެރެއިންތޯ،" ހަލީލް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ކަނޑާލި މެމްބަރުން، އިސްތިއުނާފް ނުކުރަނީސް އެ މައްސަލަ އަލުން ސުލޫކީ ކޮމެޓީ އަށް ވައްދައި، ބަލަން ފެށީ އެ މެމްބަރުންނަށް އިންސާފު ހޯދައިދޭން ކަމަށެވެ. އަދި މީހަކު ޕާޓީން ވަކިކޮށް، އަދަބެއް ދިނުމަކީ އެއްވެސް އިރެއްގައި ފަސޭހަކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވި ނަމަވެސް، ސުޕްރީމު ކޯޓުގެ ހުކުމްގެ ފަހުން އެ މެމްބަރުންތައް ޕީޕީއެމުން ވަނީ ވަކިކޮށްފަ އެވެ. އަދި އޭގެ ސަބަބުން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޕީޕީއެމުން ބުނީ މޫސަގެ ގޮނޑިއާ މެދު ޝައްކުވާ ނަމަ އެކަން ސުޕްރީމު ކޯޓަށް ހުށަހެޅުމަށާއި އެކަމަކު އޭނާގެ ގޮނޑިއެއް ގެއްލުވައެއް ނުލެވޭނެ ކަމަށެވެ.