27 ޖުލައި 2017 - 08:48

އެއް ރަށަކުން މަތީ ފަންތީގެ ކުޅުންތެރިން ނަގާ ނަމަ އެންމެ ފުރަތަމަ ވެސް ވިސްނުން ދާނީ ބ. އޭދަފުށްޓާ ދިމާލަށެވެ. ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއްގައި ކަހަލަ ގޮތަކަށް އެ ރަށުގެ ކުޅުންތެރިން އެބަތިއްބެވެ. އެކަމަކު އެ ރަށަށް ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހުނަރުވެރި ކުޅުންތެރިން އުފެދެ އެވެ. އެކަމަކު އެ ކުޅުންތެރިންގެ ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ފެންވަރު ރަނގަޅު ދަނޑެއް ނެތުމެވެ.

"މި އޮތް ވެލި ދަނޑުގައި ކުޅެގެން ގައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިން އެބަތިބި. ދެން ވިސްނާލަބަލަ ރަނގަޅު ދަނޑެއް އޮވެގެން ކިހާ ކުޅުންތެރިއެއް އެ ލެވެލަށް ދާނެތޯ،" އޭދަފުށީ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމުގެ ކެޕްޓަންކަން ކުރި އަބްދުލް މަޖީދު ހަސަން "މިހާރު" ގެ ނޫސްވެރިއަކު ގާތުގައި ބުންޏެވެ.

އޭނާ އަކީ 1992 ވަނަ އަހަރު އޭދަފުށި ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވިއިރު ޓީމުގެ ކެޕްޓަނެވެ. މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ތަށި އޭދަފުށިން އުފުލާލިއިރު ޓީމުގެ ކޯޗެއްގެ ޒިންމާ ވެސް ބޮލުގައި އަޅައިގެންހުރި މެނޭޖަރެވެ.

"ހަގީގަތުގައި އަހަރެން ދެކޭ ގޮތުގައި އޭދަފުއްޓަކީ ފުޓްބޯޅައާ ދުވަހަކު ވެސް ވަކި ކުރެވޭނެ ރަށެއް ނޫން. މި ރަށަށް އުފަން ކޮންމެ މީހަކު ކަހަލަ ގޮތަކަށް ފުޓްބޯޅަ އަށް ލޯބިކުރޭ. މި ވަރުގެ ރަށެއް ރާއްޖޭގައި ވެސް މަދުވާނެ،" މަޖީދު ބުންޏެވެ.
މަޖީދުގެ ވާހަކަތަކަށް އެ ރަށުގައި އުފެދުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިއާ ކުރީގެ އެއް ނަންބަރު ޑިފެންޑަރު އަބްދުލް ވާހިދު ހަސަން ވެސް ތާއީދު ކުރެ އެވެ. ކޮލަމްބޯގައި 1991 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުން ޖާގަ ހޯދި ވާހިދަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އޭދަފުށީ ފުރަތަމަ ކުޅުންތެރިއާ އެވެ. ފުޓްބޯޅައިން އޭނާ ދެކެން ބޭނުންވި ގިނަ ކަންތައްތަކެއް މިއަދާ ހަމައަށް ވަނީ ހާސިލްވެފަ އެވެ. އެހެން ނަމަވެސް އަދި ވެސް ވާހިދުގެ ހިތެއް ނުފުރެ އެވެ. އޭނާ ބުނީ އޭދަފުށި މިހާރު އޮތް ހިސާބުން އަދިވެސް މައްޗަށް ޖެހިލެވޭނެ ކަމަށެވެ.
"މި ފަސްގަނޑުން އުފަންވި ކުޅުންތެރިން ޓޮޕް ލެވެލުގައި ކުޅެފި. އަދިވެސް އެކަށީގެންވާ ވަސީލަތެއް ނެތް. އައްޑު އަތޮޅު ހިދަތޫގައި 25،000 ގެ އާބާދީއެއް އޮތްއިރު މިދިޔަ 15 އަހަރު ފޯރުކޮށްދެވުނީ ހަތަރު ވަރަކަށް ކުޅުންތެރިން. އެކަމަކު ޓާފް ދަނޑެއް ވެސް އެބައޮތް. މި ރަށުގައި 3000 މީހުންގެ އާބާދީއަކުން ޓޮޕް ލެވެލުގައި އެއް ޓީމު ހެދޭ ވަރަށް ކުޅެފި. ދަނޑެއް ލިބިއްޖެ ނަމަ އެ އަދަދު ދެ ގުނަވާނެ. ދަނޑެއް ލިބިއްޖެ ނަމަ ދެ އަހަރު ތެރޭ ގައުމީ ޓީމަށް ހަތް ކުޅުންތެރިން ނެރެދޭނަން،" ވާހިދު ބުންޏެވެ.
ގައުމީ ފުޓްބޯޅަ ޓީމު ފުރަތަމަ 1991 ވަނަ އަހަރު ފުރަތަމަ ރިހި މެޑަލް ގެނައި ޓީމުގައި ވާހިދު ހިމެނުނުއިރު، 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރި ހުރިހާ މެޗެއްގެ ފުރަތަމަ 11 ގައި އޭދަފުށީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ޖަމީލާއި މުހައްމަދު ސިފާން (ކުޑައްޓެ) ހިމެނުނެވެ. ވާހިދު ދެކޭގޮތުގައި މުސްތަގުބަލުގައި ވެސް ގައުމީ ޓީމަށް ކާމިޔާބެއް ލިބިއްޖެނަމަ އޭގައި އޭދަފުށީ ކުޅުންތެރިންގެ ހިއްސާ އޮތުމަކީ އެ ރަށަށް އުފަން ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ.
"ފުޓްބޯޅައިގައި އޭދަފުށީގެ ނަން ދަމަހައްޓަން ބޭނުން. އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. ވައިޑީޕީ ވަގުތުން ފަށާނަން. ކްރައުން ނަޒީރުގެ އެހީއާ އެކު ޓާފް ދަނޑެއް ލިބޭނެ ވަރަށް އަވަހަށް. އެއީ ފެށުމެއް ކަމަށް މި ދެކެނީ،" ވާހިދު ބުންޏެވެ.
ފާއިތުވި 15 ވަރަަކަށް އަހަރަށް ބަލާއިރު ފުރަތަމަ ޑިވިޝަނުގައި ގިނަ ކުޅުންތެރިންތަކެއް އައިސް ގޮސްފި އެވެ. ހުނަރުހުރި ކުޅުންތެރިން ވަކި ހިސާބަކުން އެކި އެކި ސަބަބުތަކާ ހުރެ ފުރަތަމަ ޑިވިޝަނުގައި ކުޅުން ހުއްޓައި ވެސް ލައިފި އެވެ. އެހެން ނަމަވެސް އޭދަފުށީ ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން އަންނަނީ ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތު ކުރަމުންނެވެ.
"މިއީ ނެޗުރަލް ބޯން ޓެލެންޓް އޮތްތަނެއް. ފުޓްބޯޅައަށް ޝައުގު ހުރޭ އެންމެންގެ. ކުޅުމުގެ ޝައުގުވެރިކަން އުފެދިއްޖެނަމަ ނޫނީ އުއްމީދެއް ހާސިލްކުރަން ބޭނުންނަމަ އޭދަފުށީ ކުޅުންތެރިއަކު އެބަ ބޭނުންވޭ ފަސް އެނބުރި ނުބަލާ ކުރިއަށްދާން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި މި ފެންނަ ތަފާތަކީ،" ވާހިދު ބުންޏެވެ.
މިިދިޔަ ހަފްތާ ބަންދުގައި އޭދަފުށީގައި ސަލްސާ އިންވެސްޓްމަންޓުން ހުޅުވި ސަލްސާ ރިޓްރީޓް ހުޅުވުމުގެ ގޮތުން ރާއްޖޭގެ ކުރީގެ ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ސޮކަ މޭޓްސް ޓީމާއި އޭދަފުށީ ވެޓެރަންސް ޓީމު ވަނީ މެޗެއް ކުޅެފަ އެވެ.
މި މެޗު ކުޅުމަށް ކުރީގެ ގިނަ ކުޅުންތެރިންތަކެއް ދިޔަ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ މިދިޔަ އަހަރު އޭދަފުއްޓަށް ނިސްބަތްވާ އެއް ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިދޭން އެހީވެދިން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
"އަޅުގަނޑު މިއަދު ހެނދުނު ހޭލައިގެން ބޭރަށް ހިނގާލަން ނުކުތްއިރު ދެކުނިން އެތާގައި ކުޅެން ތިބި ކުޅުންތެރިންތަކެއް. އެ ތަނުން ވެސް އަޅުގަނޑަށް ފެނުނު އެއްޗަކީ ހުނަރު. އޭގެ ބޭނުން ހިފޭނެކަން އަޅުގަނޑަށް ޔަގީން. އުއްމީދަކީ އޭގެ ތެރެއިން އިތުރު ސެންޓޭއަކު ނޫނީ އިތުރު ވާހިދެއް އައުން. ހަގީގަތުގައި މިއީ ޓެލެންޓް އޮތްތަނެއް. އިންވެސްޓް ވެސް ކުރަންވީ މި ފަދަ ރަށްރަށުގައި،" އޭދަފުށީ ރައްޔިތުންނާ ވާހަކަ ދައްކަމުން ނިޒާމްބެ ބުންޏެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ސަގާފަތް މުއްސަނދި ރަށްތައް އެބަހުއްޓެވެ. އެކަމަކު ތާރީހުން ހިތްވަރު ހޯދައި މުސްތަގުބަލެއް ބިނާކުރަން މަސައްކަތް ކުރަނީ މަދު ރަށަކުންނެވެ. އޭގެ ތެރެއިން އެއް ރަށަކީ އޭދަފުއްޓެވެ. އެ ރަށުގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ވެސް އަންނަނީ އަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދެމުންނެވެ. އެ ރަށުގައި ފުޓްބޯޅަ ކުރިއެރުވުމަށް އޮތް ބޮޑު ގޮންޖެހުމަކީ ދަނޑެއް ނެތުމެވެ. އެކަން ހާސިލްވެއްޖެނަމަ ފުޓްބޯޅައިން އޭދަފުށީގެ ނަން ދުވަހަކު ވެސް ފަޑުވެގެން ނުދާނެ ކަަމަށް އެ ރަށުގެ ކުރީގެ ކުޅުންތެރިން ބުނެ އެވެ.