26 ޖުލައި 2017 - 08:42

ކެއުމާއި ކެއްކުމާއި، ސަގާފީ ކެއްކުންތަކުގެ ބޮޑެތި ވާހަކަތަކެއް ހިމެނޭ "ދޯ"ގެ މި މަހުގެ އަދަދު އިއްޔެ އާންމުންނަށް ދޫކޮށްލައިފި އެވެ. މިއީ، ކުރިއަށް މިއޮތް ދުވަސްތަކުގައި ދިރިއުޅުމުގެ ދެން ހުރި "ރަހަ"ތައް ހެޔޮވަރުކޮށްލާނެ ވަރުގެ މަޖައްލާއަކަށް ވާނެ ކަން ކަށަވަރެވެ.

ސޯލްޓް ކެފޭގައި އިއްޔެ "ދޯ"ގެ "ރަހަ" މީރުކޮށްލުމަށް ބޭއްވި ހަފުލާގައި، މި މަހުގެ އިޝޫ ނެރެދިނީ ރާއްޖޭގެ މަޝްހޫރު ޕާސަނަލް އިންސްޓްރަކްޓަރު ކައިޝާ ސަލީމެވެ. ކެއުންތަކާއި ކެއްކުމުގެ ވައްޓަފާޅިތަކާ ބެހޭ ވަރަށް ގިނަ ތަފާތު ވާހަކަތައް ހިމެނޭ ކުލަ ފޮތް މިހާރު މާލޭގެ އެކި ސަރަހައްދުތަކުން މިހާރު ލިބެން ހުންނާނެ އެވެ. މިފަހަރު ވެސް މިއީ ހިލޭ ބަހާ އަދަދެކެވެ.

"ދޯ"ގެ މިއީ ދެ ވަނަ އަދަދެވެ. ރޯދައިގެ ކުރިން ނެރުނު މަޖައްލާ، "ހިތްވަރު" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، މި ފަހަރުގެ އަދަދުގައި ވެސް، ހަމައެކަނި "ދޯ" އަށް ހާއްސަ، ވަރަށް ގިނަ ވާހަކަތަކެއް އެބަހުއްޓެވެ.

އަދްލީން ސަލީމްގެ މި ވާހަކަތަކުގައި އޭނާ ދައްކާ އަޖައިބެއް ކަހަލަ ހުއްޖަތެއް އެބައޮތެވެ. އޭނާ ބޭނުންވީ، ތަފާތު ވައްތަރުތަކުގެ ހެދިކާތައް އެއީ ހުންނަ އެއްޗެއްކަން އާންމުންނަށް އަންގާށެވެ! އަހަރެމެންނަށް އާންމުކޮށް ކެވޭ، އާންމުކޮށް ފެންނަ ބާވަތްތަކުގެ ހެދިކާތައް ނޫނަސް، އޭނާ އެ ސާބިތުކޮށްދެނީ މި ދެންނެވި ވާހަކަތަކުގެ ހަގީގަތްތަކެވެ. އޭނާގެ މޭޒުމަތީގައި، ފަހަރެއްގައި ފާޑުފާޑުގެ ނަންތަަކެއް ހުރެދާނެ އެވެ. އެހެން ނަމަވެސް، އާޚިރުގައި އެ އެއްޗެހި ވެގެން މި ދިޔައީ އާންމުންނަށް ވަރަށް ކަމުދިޔަ، އެހާމެ އުފެއްދުންތެރި ހެދިކާތަކަކަށެވެ. އޭގެ ރަހަ ބަލާލަމާ ހިނގާށެވެ!

ނާއިލާ އިބްރާހިމް ކަލޭފާނުގެ ވާހަކައާ ޖެހިގެން ދެން އަންނާނީ "ޒީނާރު"ގެ ވާހަކަ އެވެ. ބަދިގެތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން، މި އޭފޯ ސައިޒްގެ ކައްކާ ފޮތުން ކައްކަން ދަސްކުރީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. އެކަމަކު އެނގޭހާ ވެސް އެއްޗަކީ، 30 އަހަރު ވެގެން ދިޔައިރު މިއަދާ ހަމައަށް އައިއިރު ވެސް، އެ ފޮތް ބާވުމެއް ނެތި، ޗާޕް މެޝިނުގައި އަދިވެސް އެނބުރެމުން ދާ ކަމެވެ. މިއީ، އެ ފޮތް އުފެއްދުމާއި "ޒީނާރު" އުފެދުމުގެ ވާހަކަތަކެވެ. ހަމަ އެއާއެކު ނާއިލާ ކަހަލަ، އާންމުންނަށް އާންމުކޮށް ނުފެނި ހުރި ވަރުގަދަ ޝަހުސިއްޔަތެއް ތިޔަބޭފުޅުންނާ ދައްކަވާ ހާއްސަ ވާހަކަތަކެކެވެ.

ރައީސް މުހަންމަދު ވަހީދުގެ ޕްރެސް ސެކްރެޓަރީ، މަސްއޫދު އިމާދާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ފާއިގާގެ ގެއަށް ވަދެލައި، އެ ދެމަފިރިންނާ އެކު އެންމެ ދުވަހެއް ހޭދަކޮށްލުމުގެ ކުޅަދާނަކަން އެބަހުރި ހެއްޔެވެ؟ އެކަން ޔަގީންކޮށްލަން ބޭނުން ނަމަ، މި އާޓިކަލް ކިޔާލުން މުހިންމެވެ.
އަޖައިބެއް ކަހަލަ ދެމަފިރިއެކެވެ. އެ ފެނުނު މަންޒަރުތަކުގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެކަމަކު، ހަކުރާ ނުލައި، މުޅިން ތަރުކާރީ އާއި މޭވާ އާއި ޒާތް ޒާތުގެ ތަރުކާރީ ފަތްތަކުގެ ތެރޭގައި އުމުރުގެ ބާކީ ދުވަސްތައް ހޭދަކޮށްލަން ތައްޔާރު ނަމަ އެ ދެމަފިރިންގެ އެހީތެރިކަން އެބަ ބޭނުންވެ އެވެ. އެ ދެމަފިރިންނަކީ ކެއުމުގެ ތެރޭގައި މުޅިން އެހެން ފިކުރިއްޔާތެއް އޮތް ދެމަފިރިންނެވެ. ފެހި ފަތާއި ތަރުކާރީ މިކްސްކޮށްލައިގެން ޖޫސް ހަދާލައިގެން ބުއިމަކީ އަހަރެމެން ބައެއް މީހުންނަށް ހިތި "ޒަހަރަކަށް" ވިޔަސް، އޭގެ ކިހާ ފައިދާއެއް އެ ދެމަފިރިންނަށް ކުރާކަން އެނގޭ ނަމަ، އެ "ހިތި ޒަހަރު" ބޯން އެތައް ބަޔަކު ތިބޭނީ ތައްޔާރަށެވެ.
އޭނާ އަށް ކޮފީ ކަމަކު ނުދެ އެވެ. އެކަމަކު މިއަދު އޭނާ އަކީ ކޮފީގެ އެންމެ ނުފޫޒު ގަދަ ނަމެވެ. މަބްރޫކް އަޒީޒުގެ މެރާކީގެ ނަން ޒުވާނުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ތަޖުރިބާ އަލިފުން ޔާއަށް އޭނާ ކިޔައިދީފި އެވެ. އޭގެ ތެރޭގައި އެހެން މީހުންނަށް ބޭނުންވާ ވަރަށް ހާއްސަ މައުލޫމާތުތަކެއް އެބަހުއްޓެވެ.
މަބްރޫކަކީ، ކުރިން ކޮފީ އަށް އެއްވެސް ލޯތްބެއް އޮތް ޒުވާނެއް ނޫނެވެ. އެކަމަކު، އޭނާ އަށް ބޯން ޖެހުނު އެންމެ ކޮފީ ތަައްޓަކާ އެކު އޭނާގެ މުޅި ދުނިޔެ ކޮފީގެ ވިޔަފާރި އަށް ބަދަލުވީ އެވެ. މާލޭގައި އެންމެ ބޮޑު އަގުގައި އޭނާގެ ކޮފީތަށި ލިބުނަސް، އެ އަގާ ދޭތެރޭ ޝަކުވާ ކުރާ މީހަކު ނެތެވެ. ކީއްވެ ހެއްޔެވެ؟ މީރުވީމަ އެވެ. އެކަމަކު އެ މީރުކަން އެ ގެނެސްދެނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
ޕާސަނަލް އިންސްޓްރަކްޓަރު ކައިޝާ ސަލީމްގެ މުޅި ހަޔާތް މިއޮތީ ހުޅުވާލައިދީފަ އެވެ. ރީތި ހަށިގަނޑެއް ލިބިފައިވާ މި ޒުވާނާގެ ދިރިއުޅުމުގައި މުޅިންހެން އޮތީ އެހެން ހުވަފެނެކެވެ. ކައި އަކީ ހަށިގަނޑާ އެއްވަރަށް އޭނާގެ ކެއުންތަކަށް ވެސް ބަލައިގެން ޒުޅޭ ޒުވާނެކެވެ. އޭނާގެ ކެއުމަކީ، އަދި އޭނާ ކާ އެއްޗިއްސަކީ މާ ބޮޑެތި އެއްޗިއްސެއް ނޫނެވެ. އެއީ ސިއްރެއް ވެސް ނޫނެވެ. އޭނާގެ މީރު ސެލެޑުތަކުގެ ރެސިޕީ އޭނާ މި ވަނީ "ދޯ" ގައި ޕަބްލިޝްކުރަން ދީފަ އެވެ.
އެ ސެލެޑުގަނޑު ތަޖުރިބާކޮށްލައިފައި، އެކަހަލަ ހަށިގަނޑަކަށް އުންމީދުކޮށްލަމާ ހިނގާށެވެ!
ރާއްޖޭގައި އެންމެ ފަހަކާ ޖެހެންދެން ވެސް ބޮޑު މާލޫދަކީ ކެއުމުގެ އެންމެ ބޮޑު ފެސްޓިވަލަކީ ބޮޑު މާލޫދެވެ. ދީނީ ނަމަކުން މި ވާހަކަ އޮތަސް، މިއީ ކެއުމުގެ ވާހަކަތަކެވެ. އެ އީދު ގައި އޮންނަ ކެއުންތަކުގެ ވާހަކަތަކާއި އެ ކެއުންގަނޑަށް ވަމުން އައި ތައްޔާރީތަކާއި އިންތިޒާރުތަކެވެ.
"އެންމެން އިށީގެ ހަމަޖެހިލުމުން، ވެރިންގެ އެންގުމުގެ މަތިން، ކޭމުގެ މަތި ނަގަން ގޮވާލާނެ އެވެ. އެހާ ހިސާބުން ފޮތިގަނޑު މޮހެލާ، ކޭމުގެ މަތި ނަގަ އެވެ. ކޭމާ ހަވާލުވެ ތިބޭ މީހުން، މެހެމާނުންގެ ކަންކަން ބަލަ އެވެ. ސައި ބޭނުން މީހުންނަށް ސައި އަޅައިދެ އެވެ. ހޫނު ފެން ބޯން ބޭނުން މީހުންނަށް ހޫފު ފެނެވެ. ކައި ނިމުމުން އަތް ދޮންނަން ފެން ވެސް އޮއްސާނީ އެ މީހުންނެވެ." ލިޔުމުގައި ވެ އެވެ.
މި ނޫނަސް، ވަރަށް ގިނަ އެހެން ވާހަކަތައް މި އަދަދުގައި ހިމެނެ އެވެ. ތޫމްގައި ތައްޔާރުކުރާ އަރަބި ސައިގެ ސިއްރާއި، ރާއްޖޭގެ ސުޕް ފުޑްސް އަކީ ކޮބައިކަމާއި، ހެނދުނު ބްރެކްފާސްޓް ނުނަގައި ތިބުމަކީ ކިހާ ބޮޑު ގޯހެއްކަން ތަޖުރިބާކާރު ލިޔުންތެރިން ވަނީ ގެނެސްދީފަ އެވެ. އެހާމެ ރީތި ފޮޓޯތަކާ އެކު މި އަދަދު ދޫކޮށްލި އިރު، ކުރިއަށް އޮތް ދުވަސްތައް މި އަދަދުން ފަޅުފިލުވާލާނެ ކަން ގައިމެވެ.