25 ޖުލައި 2017 - 23:20

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ފާރިސް މިއަދު ހަވީރު މާފުށީ ޖަލަށް ބަދަލުކޮށްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
މިއީ މި މަހުގެ 18 ގައި ފާރިސް ހައްޔަރު ކުރުމަށް ފަހު، އޭނާ މާފުށީ ޖަލަށް ބަދަލުކުރި ދެވަނަ ފަހަރެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ސޮއި ހޯދުމަށްޓަކައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މި މަހުގެ 19 ގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ފަހު ފާރިސް ފުރަތަމަ ބަންދުކުރީ ފުލުހުންގެ ޑިޓެންޝަން ސެންޓަރު ދޫނިދޫގަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ކުއްލި ގޮތަކަށް މާފުށީ ޖަލަށް ބަދަލުކުރި އެވެ. އަދި އޭގެ ދެ ދުވަސް ފަހުން އަނެއްކާ ވެސް ދޫނިދު އަށް ބަދަލުކުރި އެވެ.
ތަހުގީގު މަރުހަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޖަލުތަކާއި ޕެރޯލާ ގާނޫނާ ޚިލާފުކަމެއް ކަމަށް ވިދާޅުވި ފާރިސްގެ ވަކީލު މައުމޫން ހަމީދު ކްރިމިނަލް ކޯޓަށް ކުރިން ސިޓީއެއް ވެސް ފޮނުއްވި އެވެ. އެ ސިޓީގައި އޭނާ ވަނީ ތުހުމަތު ކުރެވޭ މައްސަލައިގައި ހުކުމެއް ކުރެވެން ދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ވެސް އެދިފަ އެވެ.