ނުބައިކޮށް އަމުރު ނެރެވުމާ ގުޅިގެން ސައުދު ދޫކޮށްލައިފި
ނުބައިކޮށް އަމުރު ނެރެވުމާ ގުޅިގެން ސައުދު ދޫކޮށްލައިފި

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުު އަމުރު ނުބައިކޮށް ނެރެވިފައިވާތީ، އޭނާ ދެންމެ ދޫކޮށްލައިފި އެވެ.

މިރޭ ހަތެއް ޖަހަން އުޅެނިކޮށް ކޯޓު އަމުރަކާ އެކު، ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގެ ތެރޭގައި ހުންނަވަނިކޮށް ހައްޔަރުކުރި ސައުދު ދޫކޮށްލީ އެ އަމުރާ ގުޅޭ އިޖުރާއަތުތަކެއް ފުރިހަމަ ނުވާތީ އާއި އެ އަމުރު ނުބައިކޮށް ނެރެވިފައިވާތީ ކަމަށް ވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް މިއަދު މެންދުރު ނެރުއްވި އަމުރުގައި ތުހުމަތު ކުރެވޭ ބޭފުޅެއްގެ ނަމުގެ ގޮތުގައި ސައުދުގެ ނަން ލިޔުއްވާފައި އޮތް ނަމަވެސް، އަމުރުގެ ވަކި ހިސާބެއްގައި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ނަން ވެސް އޮވެ އެވެ. އެކަން އެގޮތަށް ހިނގީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.

ސައުދު ހައްޔަރު ކުރުމަށްޓަކައި އޭނާ އަށް ފުލުހުން ދެއްކި އަމުރުގައި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލައި މަޖިލިހުގެ އިދާރާ އަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ސައުދަކީ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އިއްޔެ މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނެ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި އެއް ސަބަބަކީ އެއީ އެވެ.

ވަހީދާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. ވަހީދާއި ސައުދުގެ އިތުރުން މަޑުއްވަރި ދާއިރާގެ އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.