ގާސިމްގެ ބަލިހާލަތާ ގުޅިގެން ޝަރީއަތް ކެންސަލް
ގާސިމްގެ ބަލިހާލަތާ ގުޅިގެން ޝަރީއަތް ކެންސަލް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުން ކެންސަލްކުރީ ގާސިމްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުން ކެންސަލް ކޮށްދޭން ގާސިމްގެ ފަރާތުން އެދުމުން އެކަމަށް ގާޒީ ރިއާޔަތް ކުރެއްވުމަށް ފަހު ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވި އެވެ.

ގާސިމްގެ ސިއްހީ ހާލަތު ގޯސްވުމުން ހޮސްޕިޓަލްގައި ދުވަސްތަކެއް ވަންދެން އެޑްމިޓްކޮށްފައި ބޭއްވުމަށް ފަހު އޭނާ ދޫކޮށްލީ އިއްޔެ އެވެ.

އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ބާއްވަން ހަމަޖެއްސި މިރޭ އަޑުއެހުން ކެންސަލް ކުރިޔަސް ދެން އަޑުއެހުމެއް ބާއްވާނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމަވާފައިވަނީ އެ މައްސަލަ ކުރިން ކޯޓުން ބޭރުކޮށްލިއިރު އޮތް ހިސާބުން ފެށިގެން މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ކުރިން އެ މައްސަލަ ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުންނެވެ.

ގާސިމްގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް މިރޭގެ އަޑުއެހުން ކެންސަލް ކުރިއިރު މިއަދު ހެނދުނު ބޭއްވި އެ މައްސަލައިގެ އަޑުއެހުމަށް ވެސް ގާސިމް ވަޑައިގަތީ ސެކިއުރިޓީންނާއި އާއިލާގެ ބޭފުޅުންގެ އެހީތެރިކަމާ އެކު އެވެ. އިތުރު ފަރުވާ އަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތް ކުރިޔަސް ކޯޓުގައި މައްސަލަ އޮތުމުން ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ގާސިމަށް ވަނީ ފުރޭ ގޮތް ނުވެފަ އެވެ.