25 ޖުލައި 2017 - 22:27

ދިވެހި ސަރުކާރުގެ އަމަލުތައް ފަހަކަށް އައިސް ހުރީ ޑިމޮކްރަސީއާ ހިލާފަށް ކަމަށާއި އޭގެ ސަބަބުން ޑިމޮކްރަސީ ހަލާކުވެ، އޭގެ ބާރު ކެނޑިގެންދާ ކަމަށް އީޔޫ އާއި އެ ޖަމާއަތުގައި ހިމެނޭ ނުވަ ގައުމަކުން ބުނެފި އެވެ.
ރާއްޖޭގެ ހާލަތާއި ސިޔާސީ މަސްރަހު މިހާރު އޮތްގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އީޔޫ އާއި ނުވަ ގައުމު ވަކިން ހިމެނޭ ގޮތަށް ގުޅިފައިވާ ބަޔާނެއް މިރޭ ވަނީ ނެރެފަ އެވެ.
މި ބަޔާނުގައި ބުނީ ސަރުކާރުގެ އަމަލުތައް މިހާރު ހުރީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ވެސް ހިލާފަށް ކަމަށެވެ.
އެގޮތުން އެ ބަޔާނުގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލިސް އިއްޔެ ބަންދުކޮށް، މެމްބަރުން އެތަނަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމާއި މެމްބަރުން ހައްޔަރު ކުރުމުގެ އިތުރުން އެ ބޭފުޅުންނަށް ކުރަމުންދާ ގޯނާ އާއި ބިރުދެއްކުންތަކެވެ. ގައުމުތަކުން މިކަންކަން ސިފަކޮށްފައިވަނީ އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގަ އެވެ.
އެ ބަޔާނުގައި ބުނީ އިދިކޮޅު ޕާޓީތަކަކީ ޑިމޮކްރަސީއެއްގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ ބައެއް ކަމަށެވެ. އެހެންވެ، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެ މީހުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި މެމްބަރުންނަށް، ހައްޔަރުކުރާނެ ކަމުގެ ބިރެއް ނެތި، އެ މީހުންގެ ދައުރު އަދާ ކުރުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
އީޔޫގެ ގައުމުތަކުން ވަނީ، ރައްޔިތުންގެ މަޖިލީހާއި އެހެނިހެން މުއައްސަސާތަކުގެ މިނިވަންކަން ދެމެހެއްޓުމަށް، ކަމާ ބެހޭ އިދާރާތަކުން ވީހާ ވެސް އަވަހަކަށް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ކަރާމާތްތެރިކަމާއި މިނިވަންކަމަށް އިހުތިރާމް ކުރަން އިންޓަ ޕާލިމަންޓް ޔޫނިއަން (އައިޕީޔޫ) އިން ވަނީ އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޭޓްތަކުގައި ތަޅުއަޅުވައި މެމްބަރުން ވެދެވަޑައިގަތުމަށް ސިފައިން އިއްޔެ ވަނީ ހުރަސްއަޅައިފަ އެވެ. އެއީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވެންނެވި އެވެ. އެއާއެކު، ދެން ފެނުނީ ރަޔަޓް ސިފައިންނާއި އެސްއޯ ފުލުހުން މަޖިލީހުގެ އިދާރާ ތެރެއަށް ވަދެގަނެ، ގަދަކަމުން މެމްބަރުން ނެރުނު ތަނެވެ.
މަޖިލީހުގެ އިދާރާ ތެރެއިން މެމްބަރުން ނެރުމަކީ، އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި، ގާނޫނު ހަދާ ބާރުގެ މައްޗަށް ވެރިވެގަނެ ހިންގި "މިލިޓަރީ ބަޣާވާތެކެ"ވެ. އެކަމުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިން ޒިންމާ ނަނަގަވަން ޖެހޭނެ ކަމަށް ވެސް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.