ގާސިމްގެ ޝަރީއަތުގެ މިރޭގެ އަޑުއެހުން ސިއްރުކޮށްފި
ގާސިމްގެ ޝަރީއަތުގެ މިރޭގެ އަޑުއެހުން ސިއްރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާގެ މިރޭގެ އަޑުއެހުން ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިރޭ 8:00 ގައި ބާއްވަން އޮތް އަޑުއެހުން ސިއްރުކުރީ ކީއްވެގެން ކަން ސާފެއް ނުވެ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ވަކި ސަބަބުތަކަށްޓަކައި ޝަރީއަތެއް ނުވަތަ ޝަރީއަތުން ބައެއް ސިއްރު ކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.

މިރޭ ބާއްވަން ހަމަޖައްސާފައިވާ އަޑުއެހުމަކީ ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު، އެ މައްސަލަ އޮތް ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް ބާއްވާ އަޑުއެހުމެކެވެ. ކުރިން އެ މައްސަލަ ކޯޓުން ބޭރުކޮށްލީ ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެންނެވެ.

މި މައްސަލާގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތަކަށް ގާސިމް އެދިވަޑައިގަތަސް އެ ފުރުސަތު ދެވެން ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ނިންމަވައިފަ އެވެ. މިރޭގެ އަޑުއެހުމަށް ވަކީލަކާ ނުލައި، ހާޒިރުވެއްޖެ ނަމަ އިތުރު ފުރުސަތު ނުދީ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވަނީ ހެނދުނު ބޭއްވި އަޑުއެހުމުގައި ވިދާޅުވެފަ އެވެ.

ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަން މިފެށީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމަށް ފަހު އިއްޔެ ދޫކޮށްލާފައި ވަނިކޮށެވެ. ގާސިމް މިއަދު ކޯޓަށް ވަޑައިގަތީ ވެސް ސެކިއުރިޓީންނާއި އާއިލީ ބޭފުޅުންގެ އެހީތެރިކަމާ އެކު އެވެ.