25 ޖުލައި 2017 - 18:24

މިނިވަން ދުވަހުގެ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށް ދެއްވުމަށް ޓަކައި މިއަދު ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު މުހަންމަދު ނަވާޒް ޝަރީފަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފި އެވެ.

ނަވާޒު ޝަރީފާއި އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފަށް ރަސްމީގޮތުން މަރުހަބާ ދެންނެވީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސްގެ ދެކަނބަލުންނެވެ.

ނަވާޒް ޝަރީފްގެ ދެކަނބަލުން މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރުޙަބާ ވިދާޅުވީ، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިނކަނބަލުން ފާތިމަތު އިބްރާހީމެވެ.
މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސް ޔާމީނާއި ބޮޑުވަޒީރު ނަވާޒް ޝަރީފް ޑަޔަސް އަށް އަރާވަޑައިގަތުމާއެކު، ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޕާކިސްތާނާއި، ދިވެހިރާއްޖެއާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް އެމްއެންޑީއެފްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައާރަފުކޮށް އެރުވި އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އަށް ތައާފުކޮށް އެރުވި އެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު، ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފް، ރައީސް އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ބެރުދުންމާރި އާ އެކު ހަތްކޮޅުގަ އެވެ.