25 ޖުލައި 2017 - 16:42

ވޮޝިންޓަން (ޖުލައި 25) - ގަތަރާ ދެކޮޅު ޓީވީ އިޝްތިހާރަކަށް 138،000 ޑޮލަރު ސައުދީ އަރަބިއާގެ ތާއީދު އޮންނަ ގްރޫޕަކުން ހޭދަކޮށްފި އެވެ.
އެންބީސީ-4 ޗެނަލްގެ 30 ސިކުންތުގެ ހަތް އިޝްތިހާރުގެ ވަގުތު ގަނެފައި ވަނީ ސައުދީ އެމެރިކަން ޕަބްލިކް ރިލޭޝަން އެފެއާޒް ކޮމިޓީންނެވެ. ޖުލައި 23 ވަނަ ދުވަހުން ފެށިގެން ދައްކާ އިޝްތިހާރުތަކުގައި ވަނީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އަދި މެދުއިރުމަތީގައި އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގެ އެތެރޭގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެފަ އެވެ.
ގަތަރާ ދެކޮޅު ހިންގާ ކެމްޕޭނުގެ ދަށުން ހަތަރު އިޝްތިހާރު ދައްކާނީ މަޝްހޫރު ސިޔާސީ މީހުންގެ އިންޓަވިއު ގެނެސްދޭ ޕްރޮގްރާމް "މީޓް ދަ ޕްރެސް" ގަ އެވެ. ހަތަރު އިޝްތިހާރުގެ 120 ސިކުންތަށް ވަނީ، ސިކުންތަކަށް 1،000 ޑޮލަރުގެ ރޭޓުން 120،000 ޑޮލަރު ދައްކައިފަ އެވެ. އަނެއް ތިން އިޝްތިހާރު ދައްކާނީ ބްރިޓިޝް އޮޕަން ގޮލްފް މުބާރާތުގެ ތެރޭގަ އެވެ. ކޮންމެ އިޝްތިހާރަކަށް 6،000 ޑޮލަރު ދައްކާފައިވެ އެވެ.
ސައުދީ އަރަބިއާ، ބަހުރޭން، ޔޫއޭއީ އަދި މިސްރުން އިސްވެ ގަތަރާ ސިޔާސީ ގުޅުން މިދިޔަ މަހު ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ސަޕޯޓްކުރާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެ އެވެ.