މާލޭގައި މިއަދު ދެ މާރާމާރީ ހިންގައިފި، މީހަކު ހައްޔަރެއް ނުކުރޭ
މާލޭގައި މިއަދު ދެ މާރާމާރީ ހިންގައިފި، މީހަކު ހައްޔަރެއް ނުކުރޭ

މާލޭގައި މިއަދު ދެ މާރާމާރީ ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި އެވެެ. ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

އެންމެ ފުރަތަމަ މާރާމާރީ ހިންގީ ސުޕްރީމް ކޯޓު ކައިރީގައި މެންދުރު 1:45 ހާއިރެވެ. އެ މާރާމާރީގައި ފިރިހެނެެއްގެ ބުރަކައްޓަށް ވަނީ ޒަހަމްވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަށް ބަލާއިރު، ހުދުކުލައިގެ ޓީޝާޓެއް ލާފައި ހުރި އެ ފިރިހެން މީހާގެ ބުރަކަށިން ލޭ ފައިބަމުން ދިޔަ އެވެ. އެމީހާއަށް އެހީވުމަށް ދެ ފުލުހުން ވެސް ތިއްބެވެ.

ސުޕްރީމް ކޯޓު ކައިރިން މީހަކަށް ހަމަލާދިންއިރު، ފުލުހުން ދިޔައީ އެ ސަަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެއީ އެ ސަރަަހައްދާ ކައިރީގައި ހުންނަ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އަޑުއެހުމެއް ކޯޓުގައި ތާވަލުކޮށްފައި އޮތުމުންނެވެ.

ދެ ވަނަ މާރާމާރީ ހިންގީ އޭއެމްޑީސީ ކައިރީގަ އެވެ. މެންދުރު ފަހު 2:15ހާއިރު ހިނގި މާރާމާރީގައި ދެ މީހަކަށް ޒަހަމްވި ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީތަކުގައި ޒަހަމްވި ދެ މީހަކަށް އައިޖީއެމްއެޗުން އަންނަނީ ފަރުވާ ދެމުންނެވެ. އެ މީހުންގެ ހާލަތާ ގުޅޭގޮތުން އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.