ކަދުރު ކެއުމުން ވިހަން ފަސޭހަވޭތަ؟
ކަދުރު ކެއުމުން ވިހަން ފަސޭހަވޭތަ؟

ވިހަން ފަސޭހަ ވާނެ ގޮތަކާ މެދު، ބަލިވެ އިންނަ ކޮންމެ މީހަކު ވެސް ވިސްނާނެ އެވެ. ޑޮކްޓަރުންނާ ވެސް މި ސުވާލު ވަރަށް ގިނައިން ކުރިމަތިވާ ކަމަށްވެ އެވެ.

ފޮކްސް ނިއުސްގެ ސުވާލާއި ޖަވާބު ބަޔަށް މީހަކު މިފަދަ ސުވާލެއް ހުށަހެޅި އެވެ. އޭނާގެ ސުވާލަކީ ބަލިވެ އިނދެ ވިހާނެ ކަމަށް ހީވާ ދުވަހުގެ މަސް ދުވަސް ކުރިން ކަދުރު ކެއުމަކީ ވިހެއުމުގެ ވޭނުގައި ގިނައިރު ނޫޅެ އަވަހަށް ވިހާ ކަމެއް ކަމަށް ރައްޓެއްސަކު ބުނި ކަމަށެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއްތޯ ސުވާލުގައިވެ އެވެ.

މި ޕްރޮގްރާމަށް ހުށަހަޅާ ސުވާލުތަކުގެ ޖަވާބު ދެއްވާ ޑރ. މޭނީ ޖަވާބުގައި ވިދާޅުވީ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރަމުން ދާއިރު ވަރަށް ގިނަ މީހުން އޭނާއަށް ވެސް މި ސުވާލު ކުރާ ކަމަށެވެ. އަވަހަށް ވިހޭނެ "ސިއްރެން" ނެތް ކަމަށާއި ނަމަވެސް ކަދުރު ކެއުމުން ވިހެއުން އަވަސްވެ ފަސޭހަވާ ކަމަށް ބުނާ ދިރާސާއެއް އޮންނަ ކަމަށް ވިދާޅުވި އެވެ.

ޖާނަލް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުން މާބަނޑު މީހުން ވިހަން ހަތަރު ހަފުތާއަށް ވުމުން ކޮންމެ ދުވަހަކު ހަ ކަދުރު ކެއުމުން އެމީހުން ވިހަން ހޮސްޕިޓަލަށް އަންނައިރު މާ ބޮޑަށް ޑައިލޭޓްވެފައި ހުންނަ ކަމަށްވެ އެވެ. މީގެ އިތުރުން ވިހަން ބަނޑުގައި ރިހުމަށް ހޭދަވާ ވަގުތު ވެސް ކަދުރު ނުކާ މީހުންނަށް ވުރެ ކަދުރު ކޭ މީހުންގެ ހަތް ގަޑިއިރު އަވަސްވާ ކަމަށް ދެއްކި އެވެ.

އަދި ކަދުރު ކޭ މީހުންގެ ތެރެއިން 96 ޕަސެންޓް މީހުންނަށް އިންޑިއުސް ކުރާކަށް ވެސް ޖެހިފައެއް ނުވެ އެވެ. އިންޑީއުސް ކުރުމަކީ ވިއްސަން ވެގެން ތަފާތު ވައްތަރުގެ ބޭސް ދިނުމާއި އެނޫންވެސް މެތަޑްތައް ބޭނުންކުރުމެވެ. ނަމަވެސް ކަދުރު ނުކާ މީހުންގެ ތެރެއިން އިންޑީއުސް ނުކޮށް ވިހާފައިވަނީ 79 ޕަސެންޓް މީހުން ކަމަށް މި ދިރާސާގައި ބަޔާންކޮށްފައިވާ ކަމަށް ޑރ. މޭނީ ވިދާޅުވި އެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކަދުރު ކެއުމުން ހަށިގަނޑަށް އޮކްސިޓޯސިން އިން ކުރާ ކަހަލަ އަސަރުތަކެއް ކުރެ އެވެ. މީގެ ސަބަބުން ރަހިމުގެ ހަރަކާތްތައް އިތުރުވެ އޮކްސިޓޯސިން ދިނުމުން ވޭންވަރު ނަގަން ފަށާ ގޮތަށް ވޭންވަރު ނަގަން ފަށަ އެވެ.

ނަމަވެސް ވިހެއުމާ ގުޅޭ އެއްވެސް ސުވާލެއް އަދި ކަންބޮޑުވުމެއް އޮތްނަމަ އެ މީހަކު އެ ދައްކާ ޑޮކްޓަރަކާ މަޝްވަރާ ކުރުމަށް ވެސް ޑރ. މޭނީ އިރުޝާދު ދެއްވި އެވެ. މިހެން ހުންނަ ޔަގީންކަން ކުޑަ ކަންކަމަށް ބަރޯސާވެގެން ނުވާނެ އެވެ.