25 ޖޫން 2016 - 21:53

ވިލިމާލެ އާއި ފޭދޫ ފިނޮޅާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި 15 މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިރޭ 8:23 ހާއިރު ނުރައްކާތެރި އެކްސިޑެންޓު ހިނގިއިރު، ލޯންޗުގައި 15 މީހަކާއި ދޯނީގެ ހަތަރު މީހަކު ތިއްބެވެ. މި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔައީ 15 މީހަކު ކަމަށެވެ. އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދި ކުދި އަނިޔާތައް ލިބިފައި ހުރީ. ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުން ފަދަ ކުދި ކުދި އަނިޔާތައް. އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން." ޒީނަތު ވިދާޅުވި އެވެ.
އެކްސިޑެންޓުގައި އަނިޔާވީ ބިދޭސީ 10 މީހަކަށެވެ. އެއީ ހަ ފިރިހެނަކަށާއި ހަތަރު އަންހެނަކަށެވެ. އަދި ދިވެހި ފަސް ފިރިހެނަކަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ދޯނީގެ ގެގަނޑު އޮތީ ދެފެން ދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދޯންޏަށް ބޮޑަށް ގެއްލުންވީ. ލޯންޗު މިހާރު ވިލިމާލެ ފަޅަށް ވައްދާފައި އޮތީ،" އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.